
180453_0049f0fb-3_
ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ދެކަނބަލުން ދެދުވަހުގެ ފުރަމާނަ ދަތުރުފުޅެއްގައި، ބަންގްލަދޭޝްއަށް ވަޑައިގަންނަވައިފިއެވެ.

ރައީސްގެ ދެކަނބަލުންނަށް ބަންގްލަދޭޝްގެ ވެރިރަށް ދާކާގެ ހަޒްރަތް ޝާޙްޖަލާލް އިންޓަނޭޝަނަލް އެއާޕޯޓުން މަރުޙަބާ ވިދާޅުވީ ބަންގްލަދޭޝްގެ ރައީސް އެމް.ޑީ. އަބްދުލް ޙާމިދާއި، އަނބިކަނބަލުން ރާޝިދާ ޙާމިދެވެ. އެމަނިކުފާނު ދާކާއަށް ވަޑައިގެންނެވުމުން، ބަންގްލަދޭޝް ސަރުކާރުން ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ. މަރުހަބާ ދެންނެވުމުގެ ގޮތުން ރައީސް ސޯލިހްއަށް 21 ބަޑީގެ ސަލާމެއް ވެސް އެރުވުނެވެ. އޭގެ ފަހުން ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި އޮތް ގާޑް އޮފް އޮނާއެއް އެމަނިކުފާނު ބައްލަވާލެއްވިއެވެ.
ރައީސް އޮފީހުން ވިދާޅުވި ގޮތުގައި ރައީސްގެ މި ދަތުރުފުޅުގައި ބަންގްލަދޭޝްގެ ބާނީ ކަމުގައިވާ ޝައިޚް މުޖީބުއްރަޙްމާން އުފަންވެވަޑައިގަތްތާ 100 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ޚާއްޞަ އިޙުތިފާލުތަކުގައި ބައިވެރިވެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާއާއި އެ ޤައުމުގެ ސަރުކާރުގެ އެހެނިހެން އިސް އޮފިޝަލުންނާ ބައްދަލުކުރައްވާ، ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ބޭއްވެވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުންތަކުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަޙުމަތްތެރި ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
މި ދަތުރުފުޅުގައި ރައީސް ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހި ޢާއިލާތަކާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ރާއްޖެއާއި ބަންގްލަދޭޝްއަކީ ޒަމާންވީ ގާތް ގުޅުންތަކެއް ދަމަހައްޓަމުންދާ ދެ ގައުމެވެ. ދެ ޤައުމުގެ ދެމެދުގައި ދޭދޭގ ުޅުންތައް ރަސްމީކޮށް ގާއިމުކޮށްފައި ވަނީ 1978 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 22 ވަނަ ދުވަހުއެވެ.
ބަންގްލަދޭޝްއަކީ، މީހުން ބިނާކުރުމުގެ ރޮނގުން ދިވެހިރާއްޖެއަށް ގިނަގުނަ އެހީތަކެއް ފޯރުކޮށްދެމުންދާ ގައުމެކެވެ. މީގެ އިތުރުން، ކޮވިޑް-19 ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި ބަންގްލަދޭޝް ސަރުކާރުން ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކޮށްލަން ޖެހެއެވެ.