ދެމަސް ދުވަހަށް ފަހު ރާއްޖޭއިން އެއްދުވަސް ތެރޭ ކޮވިޑަށް ފައްސިވި މީހުންގެ އަދަދު 100 އިން މައްޗަށް ޖެހިލައިފި އެެވެ.
މިއަދު ރާއްޖެއިން ފައްސިވެފައިވަނީ 110 މީހުންނެވެ. އޭގެ ތެެރޭގައި 31 ދިވެެހިންނާއި 79 ބިދޭސީންނެވެ. މީގެތެރެއިން 86 މީހުން ފައްސިވެފައި ވަނީ ގްރޭޓާ މާލެ އިންނެވެ. މިއާއި އެކު ރާއްޖެެއިން ކޮވިޑަށް ފައްސި މީހުންގެ އަދަދަކީ 12،314 އެވެ.
ކޮވިޑް ކޭސްތަކުގެ އަދަދު އެންމެ ފަހުން 100 އިން މައްޗަށް އަރާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 13 ގައެވެ. އެ ދުވަހު 121 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިދިޔަ ހޮނިހިރު ދުވަހު 42 މީހުން ޕޮޒިޓިވްވި އިރު، އިއްޔެ ޕޮޒިޓިވްވީ 50 މީހުންނެވެ.
މިއަދު ބަލިން ފަސޭހަ ވެފައިވަނީ 27 މީހުންނެވެ. އެއާއި އެކު މިބަލިން ފަސޭހަވި މީހުންގެ ޖުމުލަ އަދަދަކީ 11،316 މީހުންނެވެ.
މިބަލީގައި މިހާރު ރާއްޖެއިން 44 މީހަކު ވަނީ މަރުވެފައެވެ. އެއީ 37 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަ މީހަކާއި ފިލިޕީންސްގެ މީހެކެވެ.