logoEN
cocacola
"އެނަމާ" ބޯޓު ބަންޑުންޖަހާލި ކާރިޘާއާއި ގުޅިގެން ތިނަދޫގައި ހުންނަވައި ރައީސް މައުމޫން ދެއްކެވި ވާހަކަފުޅު

"އެނަމާ" ބޯޓު ބަންޑުންޖަހާލި ކާރިޘާއާއި ގުޅިގެން ތިނަދޫގައި ހުންނަވައި ރައީސް މައުމޫން ދެއްކެވި ވާހަކަފުޅު

އަހުމަދު ޝުރާއު

logo

3/17/2021, 7:14:00 PM

161672003_740879416617824_2086248295838121001_n

މި ލިޔުމަކީ " އެނަމާ " ބޯޓު ބަންޑުންޖަހާލި ކާރިޘާގެ ހިތާމައިގައި ބައިވެރިވެވަޑައިގެންނެވުމަށް ގދ ތިނަދޫއަށް ކުރެއްވި އެއްދުވަހުގެ ދަތުރުފުޅުގައި، ތިނަދޫ ހުކުރު މިިސްކިތް " މަސްޖިދުލްޣާޒީ މުހައްމަދު " ގައި މެންދުރު ނަމާދު ކުރެއްވުމަށްފަހު، ޖަމާއަތުގައި ހާޒިރުވެތިބެ މީހުންގެ ކުރިމަތީގައި ހުންނަވައިގެން ، އޭރުގެ ރައީސުލްޖުމްހުރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅު އެވެ. މި ލިޔުމަކީ ރައީސް އޮފީހުގެ ވެބްސައިޓުގައި 20 މާރޗު 2004 ގައި ޝާއިރުކުރެވުނު ލިޔުމެކެވެ.

ގޮސިޔާ

މިއަދު އަޅުގަނޑުމެން ވޭތުކުރަމުން މިގެންދަނީ ވަރަށް ހިތާމަވެރި ވަގުތުތަކެއް. މިރަށުގެ ބޯޓެއް ކަމަށްވާ "އެނަމާ" ބޯޓު، މި މަހުގެ 17 ވަނަ ދުވަހުގެރޭ ދިމާވި ހާދިސާއެއްގައި ބަންޑުން ޖަހާލައި، އެ ހާދިސާގައި އަޅުގަނޑުމެންގެ ވަރަށްގިނަ ލޮބުވެތި އަޚުންތަކަކާއި އުޚުތުންތަކެއް ވަނީ މިދުނިޔެ ދޫކޮށް އަބަދަށްޓަކައި ގޮސްފައި.

އާދެ، މިއީ މުޅި ދިވެހިޤައުމަށް ލިބުނު ވަރަށްބޮޑު ހިތާމައެއް. އެ ހިތާމަ، މި އަތޮޅުގެ ރައްޔިތުން އަދި ޚާއްޞަކޮށް ތިނަދޫގެ ލޮބުވެތި ރައްޔިތުން ޙިއްޞާކުރައްވާލެއް މާބޮޑުވާނެ. އަދި އެއަށްވުރެވެސް، އަޅުގަނޑުމެންނާ ވަކިވެދިޔަ ޢިއްޒަތްތެރި އަޚުންނާއި އުޚުތުންގެ އާއިލާތަކުން ކުރައްވާ ހިތާމަ، އެތައް ގުނައަކަށް މިހާރުވަނީ އިތުރުވެގެން ގޮސްފައި. އަދި އިތުރުވެގެންދާނެ.

މިފަދަ ހިތާމަވެރި ދަނޑިވަޅެއްގައި، އަޅުގަނޑުގެ އެންމެ އިސް ވާޖިބެއް ކަމަށް ދެކެނީ، މި ހިތާމަ މެދުވެރިވި ހުރިހާ ޢާއިލާތަކަކަށް އަޅުގަނޑުގެ ފަރާތުންނާއި، އަޅުގަނޑުގެ ޢާއިލާގެ ފަރާތުންނާއި އަދި ދިވެހި ސަރުކާރާއި، ދިވެހިރައްޔިތުންގެ ފަރާތުން އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވައި، ހަމްދަރުދީ ފާޅުކުރުން.

އާދެ، މިކަހަލަ ކަންތައްތަކުގައި، މާތްވެގެންވާ އިސްލާމްދީނުގައި އަޅުގަނޑުމެންނަށް އަންގަވާފައިވަނީ، އެކަކުއަނެކަކަށް އެހީތެރިވުމަށް. އެކަކުއަނެކެއްގެ ހިތާމައިގައި ބައިވެރިވުމަށް. ހުރިހާ އެންމެންނަކީ އެއްބަނޑުއެއްބަފާ ބައެއް ކަމުގައި ﷲ ލެއްވީތީ، އެގޮތުގެމަތިން މިފަދަ ދަނޑިވަޅުތަކުގައިވެސް އަޅުގަނޑުމެން ޢަމަލުކުރަމުން ގެންދިޔުމަށް. އެހެންކަމުން، މިވަގުތު އަޅުގަނޑުމެން އެންމެ ބޮޑަށް ބޭނުންވަނީ، ރަށުގެ ހުރިހާ ރައްޔިތުންވެސް އަދި އަތޮޅުގެ ރައްޔިތުންވެސް އަދި ދިވެހި ރައްޔިތުންވެސް އަދި ދިވެހިސަރުކާރުންވެސް، މި ހިތާމަ މެދުވެރިވި ޢާއިލާތަކަށް އަޅުގަނޑުމެންގެ ހަމްދަރުދީއާއި އިޚްލާޞްތެރި ތަޢުޒިޔާ ފޮނުވައި އަދި އެބައިމީހުންނަށް އަޅުގަނޑުމެންނަށް ވެވެންއޮތް ހުރިހާ އެހީތަކެއް ވެދިނުން. އެއީ އިސްލާމްދީނުގައި އެކަން އަންގަވާފައިވާ ގޮތަކީ.

އާދެ، އަޅުގަނޑު މިއަދު ތިނަދުއަށް މިއައީ، ހަމަ ޚާއްޞަކޮށް މި ބޭނުމުގައި. ތިނަދޫގެ ރައްޔިތުންގެ މިބޮޑު ހިތާމައިގައި ބައިވެރިވުމަށްޓަކައި. އަދި މިހިތާމަ މެދުވެރިވި އާއިލާތަކަށް ތަޢުޒިޔާ ކިޔައި، އިޚްލާޞްތެރި ހަމްދަރުދީ ފާޅުކުރުމަށްޓަކައި.

އަޅުގަނޑުމެންނާ ވަކިވެދިޔަ ލޮބުވެތި އަޚުންނާއި އުޚުތުންގެ އިތުރުން، ވަރަށްގިނަ ބަޔަކަށް މި ހާދިސާގައި ތަފާތު ގިނަ ގެއްލުންތަކެއް ވަނީ ލިބިފައި. އޭގެތެރެއިން ބައެއް މީހުންނަށް ދަނީ، މިރަށުގެ ރީޖަނަލް ހޮސްޕިޓަލުންނާއި އަދި މާލޭގައި ހުރި އައި.ޖީ.އެމް.އެޗުން ފަރުވާދެވެމުން. އަޅުގަނޑު އެދެނީ، މާތްﷲ އެ އެންމެންނަށް އަވަސް މަގަކުން ޝިފާ ދެއްވުން. އަދި އެމީހުން، އެމީހުންގެ ޢާއިލާތަކަށް ފުރިހަމަ ޞިއްޙަތާއި ޢާފިޔާތުގައި އެނބުރި ދިޔުން.

އާދެ، މިކަން ހިނގައިމިދިޔައީ، ވަރަށްދެރަ ގޮތަކަށް. އެހެންވީމާ، އެކަމުގެ ތަޙުޤީޤުތައް ހިނގަމުންދާނެ. ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން، ކީއްވެގެންތޯ މި ހާދިސާ މި ހިނގީ، މިވަރުގެބޮޑުކަމެއް ހިނގަން ދިމާވި ކޮންކޮން ސަބަބުތަކަކާތޯ ބަލާފައި، މުސްތަޤްބަލުގައި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އިރާދަކުރެއްވިއްޔާ އަޅަމުން ގެންދާނެ.

އާދެ، އަޅުގަނޑުމެން ހަނދާންކުރަންވާނެ، އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ޤާނޫނުތަކަކާއި ޤަވާޢިދުތަކެއް އެބަ ހުންނަކަން. އެ ޤާނޫނުތަކާއި ޤަވާޢިދުތައް ހެދިފައި އެ ހުންނަނީ، ހަމަ ރައްޔިތުންގެ ސަލާމަތަށާއި، ރައްޔިތުންގެ ރައްކާތެރިކަމަށާއި، ރައްޔިތުންގެ އުފާވެރިކަމަށާއި، ރައްޔިތުންގެ ބާއްޖަވެރިކަމަށް. އެނޫން އެހެން އެއްވެސް ބޭނުމަކުނޫން. ވަކިއަދަދަކަށް އޮޑިދޯނިފަހަރަށް މީހުން އަރުވަންޖެހެނީވެސް އެހެންވީމާ. އެ އޮޑިދޯނިފަހަރަށް ތަޙައްމަލު ނުކުރެވޭވަރަށް އިތުރަށް މީހުން އަރައިފިއްޔާ ދިމާވެދާނެ ނުރައްކާތަކަކަށްޓަކައި، ދަތުރުކުރާ ފަސިންޖަރުންނަށާއި، ފަޅުވެރިންނަށާއި އަދި އެ އޮޑިދޯނިފަހަރަށްވެސް. އެހެންވީމާ، މިކަންކަން އަޅުގަނޑުމެން އަބަދުވެސް ހަނދާން ކުރަންޖެހޭނެ. މިއީކީ ކޮންމެހެން ސަރުކާރުން ޤާނޫނެއް ހަދައިގެން، ޤަވާޢިދެއް ހަދައިގެން، އެއަށް މީހުން ޢަމަލު ކުރުވުމަށް މަޖުބޫރުކުރުވުމެއް ނޫން. އެހެނެއްނޫން، ރައްޔިތުން މިކަން ދެކެވަޑައިގަންނަވާންވާނީކީ.

މިފަދަ ޤަވާޢިދުތައް ހެދިފައި މި ހުންނަނީ އަޅުގަނޑުމެންގެ އަމިއްލަ ރައްކަލަށް. އަމިއްލަ ސަލާމަތަށް. ހަމައެހެންމެ، ކަނޑު ދަތުރުފަތުރު ކުރުމުގައިވެސް އަދި އެއްގަމު ދަތުރުކުރުމުގައިވެސް ހެދިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތައް ހެދިފައި އެވަނީ، ހަމަ އެ ސަބަބަށްޓަކައި. އެއްގަމުގައި ދުއްވާއިރުވެސް، ވަކިފަރާތަކުން ދުއްވުމާއި، ވަކިތަނަކަށް މަޑުކުރުމާއި، ވަކި ޤަވާޢިދަކަށް ކަންތައްކުރުން ހަމަޖެހިފައި މި އޮންނަނީ، އެހެން ނަހަދައިފިއްޔާ ދިމާވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި. އެ އުޅަނދުފަހަރުގައި ދަތުރުކުރާ މީހުންގެ ސަލާމަތަށްޓަކައި. އެ އުޅަނދުފަހަރުގެވެސް ސަލާމަތަށްޓަކައި. މީހުންގެ މުދާ ރައްކާތެރިކޮށްދޭން. މި ބޭނުންތަކަށް މިކަހަލަ ޤަވާޢިދުތައް ހެދިފައި ހުންނަނީ.

އެހެންވީމާ، މިއީ އަޅުގަނޑުމެން މިކަހަލަ ދަނޑިވަޅެއްގައިވެސް ވަރަށްބޮޑަށް ހަނދާންކުރަންވެއްޖެ ކަމެއް. އަޅުގަނޑުމެން ބޭނުމެއްނޫން، އަދި އަޅުގަނޑަށް ޔަޤީންވާގޮތުގައި ދިވެހި އެއްވެސް ރައްޔިތަކު ބޭނުމެއްނުވާނެ، އެއްވެސް އެހެން ދިވެހި ރައްޔިތަކަށް މިފަދަ ހާދިސާއެއް ދިމާވާކަށެއް. މިފަދަ ހިތާމައެއް ދިމާވާކަށެއް. މިފަދަ ގެއްލުމެއް ލިބޭކަށެއް. އެހެންވީމާ، އަޅުގަނޑުމެން އެންމެންވެސް ހަމަ މިއަދު ޢަޒުމް ކަނޑައަޅަންވީ، އަޅުގަނޑުމެން ހުރިހާ އެންމެންވެސް އަޅުގަނޑުމެންގެ އަމިއްލަ ސަލާމަތަށާއި އަމިއްލަ ރައްކަލަށް ވިސްނަންޖެހޭނެކަމަށް.

މާތްﷲ އަންގަވަނީ "ތިޔަބައިމީހުންގެ އަމިއްލަ އަތުން ތިޔަބައިމީހުން ހަލާކުގެތެރެއަށް ތިޔަބައިމީހުންގެ ނަފުސުތައް އެއްލައިނުލާށޭ." އަޅުގަނޑުމެން އެފަދަ މަތިވެރި އިލާހީ އިރުޝާދުތަކަށް ކިޔަމަންވާންޖެހޭނެ.

އެހެންވީމާ، އަޅުގަނޑު ހިތަށްއެރީ، މިފުރުޞަތުގައި އަޅުގަނޑު މި ވާހަކަ ދަންނަވައިލުމަކީ، ވަރަށް ބޭނުންތެރިކަމެކޭ. ހަމައެކަނި ތިނަދޫ ރައްޔިތުންނާ މުޚާޠަބުކޮށެއްނޫން އަޅުގަނޑު މި ވާހަކަދައްކަނީކީ. އަޅުގަނޑު މި ވާހަކަދައްކަނީ، މުޅި ދިވެހި ރައްޔިތުންގެ އެންމެންނާ މުޚާޠަބުކޮށް. ދިވެހި ރައްޔިތުންގެ އަންހެން، ފިރިހެން، ކުދިބޮޑު އެންމެންނާ މުޚާޠަބުކޮށް މި ދަންނަވަނީ، ހެދިފައިވާ ޤަވާޢިދުތަކަށް ތިޔަބޭފުޅުން ހުރުމަތްތެރިކޮށް ހިތްތަވާށޭ. އެއީ ތިޔަބޭފުޅުންގެ ސަލާމަތަށްޓަކައި، ހެދިފައި ހުރި ޤަވާޢިދުތަކެކޭ. ސަރުކާރަކުން ބޭނުމެއްނުވެއޭ އެއްވެސް މީހަކަށް ގެއްލުމެއްވާކަށް. އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުމެއްވާކަށް. އަދި ހަށިގަނޑަށްވެސް އަދި މުދަލަށްވެސް ގެއްލުމެއްވާކަށް. އެހެންވީމާ، އަޅުގަނޑުމެން އެންމެން މިކަމުގައި އެއްބާރުލައިގެން ކުރިއަށްދަމާތޯއޭ. މިއީ އަޅުގަނޑު މިއަދު ދަންނަވާލަން އޮތް ވާހަކައަކީ.

އާދެ، އަޅުގަނޑު މިއަދު މިއައީ، މިދެންނެވި ބޭނުމުގައި. އެހެންވީމާ، އަޅުގަނޑުގެ އިޚްލާޞްތެރި ތަޢުޒިޔާ، ތިނަދޫގެ ލޮބުވެތި ރައްޔިތުންނަށާއި އަދި ޚާއްޞަކޮށް، މި ހިތާމަ މެދުވެރިވި ޢާއިލާތަކަށް ދަންނަވަން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން މިފަދަ ނުރައްކާތަކުން ސަލާމަތްކުރެއްވުން.

އާދެ، މާތްﷲ ކީރިތި ޤުރްއާނުގައި ވަޙީކުރައްވަނީ، "قُل لَّن يُصِيبَنَا إِلَّا مَا كَتَبَ اللَّـهُ لَنَا" (التَّوبة:٥١) "ކަލޭގެފާނު ވިދާޅުވާށެވެ. އަހަރުމެންނަކަށް ﷲ ލިޔުއްވާފައިވާ ކަމެއް މެނުވީ ލައެއްނުގަންނާނެއެވެ." ﷲ މިންވަރުކުރައްވާފައިވާ ކަމެއް މެނުވީ އަހަރުމެންނާ ހަމައަކަށް ނާންނާނެއޭ. އޭގެ އަސަރެއް ނުފޯރަނެއޭ، އެހެން ކަލޭގެފާނު ވިދާޅުވާށޭ. އާދެ، އެއީ އަޅުގަނޑުމެންގެ އީމާނަކީ.

މިފަދަ ދަނޑިވަޅުތަކުގައިވެސް މި މަތިވެރި އިލާހީ އިރުޝާދުތަކުގެ މަތިން ހަނދާންކުރަންޖެހޭނެ. ﷲގެ ޤަޟާޤަދަރާއި އަދި ﷲގެ މިންވަރުފުޅަށް އަޅުގަނޑުމެން ފުރިހަމައަށް ޙުރުމަތްތެރިކޮށްހިތައި، ބޯލަނބަންޖެހޭނެ. އެކަލާނގެ މިންވަރުފުޅުގައި ނުވާކަމެއް ނުވާނެ. އެހެންވީމާ، އަޅުގަނޑުމެން މުސްލިމުންގެ ގޮތުގައި މިކަން ގަބޫލުކޮށްގެން، ﷲ އަށް ޙަމްދުކޮށް ޝުކުރު ކުރަންޖެހޭނެ.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، މާތްﷲ، އަޅުގަނޑުމެންނާ ވަކިވެދިޔަ ޢިއްޒަތްތެރި އަޚުންނާއި އުޚުތުންނަށް ރަޙްމަތްލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން. އަދި އެމީހުންގެ ޢާއިލާތަކަށް ކެތްތެރިކަން ދެއްވައި، ޘަވާބު އިތުރުކުރެއްވުން، އަދި އަޅުގަނޑުމެންގެ ދިވެހި އުންމަތާއި، ދިވެހިޤައުމާއި، ދިވެހި ރައްޔިތުން، މާތްﷲ، އެކިއެކި ނުރައްކާތަކާއި، އެކިއެކި ހަލާކުކުރަނިވި ނުވަތަ އަޅުގަނޑުމެންނަށް އޭގެ ގެއްލުން ލިބޭ ހުރިހާ ކަމަކުން ސަލާމަތްކުރެއްވުން.

والسّلام عليكم ورحمـة اللّـه وبركاته.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ