ކީރިތި ޤުރުއާން ބަލައިގެން ކިޔެވުމުގެ ޤައުމީ މުބާރާތް ފަށައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ކީރިތި ޤުރުއާން ބަލައިގެން ކިޔެވުމުގެ ވަރޗުއަލް ޤައުމީ މުބާރާތް އިފްތިތާހްކޮށްދެއްވުން

މުޅި ރާއްޖެއަށް ހުޅުވައިލައިގެެން ވަރޗުއަލްކޮށް ބާއްވާ ކީރިތި ޤުރުއާން ބަލައިގެން ކިޔެވުމުގެ ޤައުމީ މުބާރާތް ފަށައިފި އެވެ.

އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މުބާރާތް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހުރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ. މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރާއި ސަރުކާރުގެ އެހެެނިހެން ވުޒާރުތަކުގެ ވެރިން ވަނީ ބައިވެރިވަޑައިގެންފައިވެއެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، މި މުބާރާތް ވަރޗުއަލްކޮށް އިންތިޒާމުވެގެން ދިޔުމަކީ ރާއްޖޭގެ ގިނަ ރައްޔިތުންނަށް މިފަދަ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުޞަތު ފަހިވެގެން ދާނެކަމެއްކަމަށާއި، ކޯވިޑް-19 ގެ ދަތި އަނދަގޫ ޙާލަތުގައި ވެސް މިފަދަ މުބާރާތެއް ރާވާ ހިންގުމަށް ކުރައްވަމުންދާ މަސައްކަތަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒަށާއި އެ މިނިސްޓްރީގެ މުވައްޒަފުންނަށް އެ މަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ކީރިތި ޤުރުއާން ބަލައިގެން ކިޔެވުމުގެ ވަރޗުއަލް ޤައުމީ މުބާރާތް އިފްތިތާހްކޮށްދެއްވުން

މި މުބާރާތަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން އިންތިޒާމުކޮށްގެން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ބައިވެރިވެވޭނެ ގޮތަށް ވަރޗުއަލްކޮށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުޞަތު އެ މިނިސްޓްރީއިން ވަނީ ހުޅުވައިލައްވާފައެވެ.

މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ދެ ބުރަކަށް ބަހާލައިގެންނެވެ. އެއީ އޮޑިޝަންގެ ބުރާއި ފައިނަލް ބުރެވެ. އޮޑިޝަންގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމާއި ރެކޯޑިންގް ހުށަހެޅުމުގެ މުއްދަތަކީ 2020 ނޮވެންބަރު 16 އިން ފެށިގެން ނޮވެމްބަރު 28 ގެ ނިޔަލަށެވެ. އޮޑިޝަންގެ ބުރުން ހޮވައިލެވޭ ފަރާތްތަކުން ފައިނަލް ބުރުގެ ރެކޯޑިންގްތައް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 2020 ޑިސެންބަރު 13 އިން ފެށިގެން ޑިސެންބަރު 17 ގެ ނިޔަލަށެވެ.

 

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް