
Yellow Alert
މޫސުން ގޯސްވެ މެދުރާއްޖެތެރެއަށް ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވަނީ ކ އަތޮޅުން ފެށިގެން ދ އަތޮޅާ ހަމައަށެވެ.
އެގޮތުން މިއަދު ހަވީރު 16:00 އިން ފެށިގެން 20:00 އާ ހަމައަށް އެ ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފައިވާއިރު، އެ މުއްދަތުގެ ތެރޭގައި އެސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކޮށްފައިވެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން އިއްޔެ ބުނެފައިވާ ގޮތުގައި، ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖެ ހުރަސްކޮށް އަރަބިކަނޑަށް ޖެހެމުންދާ ކަމަށް ނިމުތު ކުރެވޭއިރު، މިއަދާއި ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.