1035x593-vrNWv8we11cAYPVVipE2k6RotssqDKHwrvq2TjQy
އަންނަ އަހަރުން ފެށިގެން ސްކޫލްތަކުގެ ބޮޑު ޗުއްޓީ ޑިސެމްބަރު މަހަށް ބަދަލުކުރަން ސަރުކާރުން ނިންމައިފި އެވެ.
މިގޮތަށް ނިންމާފައިވަނީ، ވަޒީރުންގެ މަޖިލީހުގެ މިއަދު ބޭއްވި ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓްރީން ހުށަހެޅި ކަރުދާހަށް މަޝްވަރާކުރުމަށްފަހު ނިންމިގޮތް ހާމަ ކުރައްވަމުން ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ، އަންނަ އަހަރުން ފެށިގެން ސްކޫލް ބޮޑު ޗުއްޓީ ޑިސެމްބަރު މަހަށް ބަދަލުކުރާނެ ކަމަށާއި، 2026 ވަނަ އަހަރުން ފެށިގެން ސްކޫލްތަކުގެ ކިޔެވުން ފަށާނީ ޖެނުއަރީގައި ކަމަށެވެ.
މި ބަދަލާއެކު ޖުލައި މަހު ތިން ހަފްތާގެ ޗުއްޓީއެއް އަދި ޑިސެމްބަރު މަހު ހަތަރު ހަފްތާގެ ޗުއްޓީއެއް ދަރިވަރުންނަށް ލިބިގެންދާނެ ކަމަށް ރައީސް އޮފީހުގެ މިނިސްޓަަރ އަބްދުﷲ ނާޒިމް ފާހަގަކުރެއްވިއެވެ. އަދި މި ބަދަލު ގެންނާނީ ކުދިންގެ ކިޔެވުމަށް ދަތި ނުވާނެ ގޮތެއްގެ މަތިން ކަމަށާއި، އެ ބަދަލުތަކާ ގުޅޭ އިތުރު ތަފްސީލު އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރާނެ ކަމަށްވެސް ނާޒިމް ވިދާޅުވިއެެވެ.
ދިރާސީ އަހަރުގެ ކިޔެވުން މިހާރު އޮތް ގޮތަށް ކުރީ ސަރުކާރުން ބަދަލުކުރީ ޑިސެމްބަރަކީ ޓޫރިޒަމް ޕީކް ސީޒަނަށް ވެފައި އެ ދުވަސްވަރު ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެމީހުންގެ އާއިލާތަކާއެކު ވަގުތު ހޭދަކުރުމަށް ފުރުސަތު ނުލިބޭތީ އެ މުވައްޒަފުން ސަރުކާރަށް ހުށަހަޅައިގެންނެވެ.
ނަމަވެސް ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި ރައީސް މުއިއްޒު ވަނީ ދިރާސީ އަހަރު ފެށޭ ދުވަސް ކުރީން އޮތްގޮތަށް ބަދަލު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.