މިނިވަންކަމުގެ ރަންދޫލައިގެ މަތީގައި ދިވެހިން ތާއަބަދަށް!

ހިންދުމާކަނޑުތެރޭ ކުދި މުތީތަކެއް ފަދައިން ވިދާ ބަބުޅަމުންގެންދަނީ ދިވެހި ގައުމުގެ ރީތި ރަށްތަކެވެ. ނޫކުލައިގެ ސާލެއް ފަދައިން އަތުރާލެވިފައި އޮތް ކަނޑާއި، ހުދު ކަފަ ކޮޅެއްފަދަ، ބޯކިރުފޮދެއް ފަދަ ދޮން ތުނޑިތަކާއި، ހެތްވާލިޔަސް، ރޮއްވާލިޔަސް، ދެގޮތެއްނުވެ ހިނިތުންވުމުގެ މަތީގައި އަބަދަށް ތިބޭ ހިތްހެޔޮ ދިވެހިންނެވެ. ގައުމުގެ ވަލީއުލް އަމުރު ނުވަތަ ރަސްކަމުގައި ތަޙުތު ކުރައްވައިގެން އިންނެވީ އައްސުލްތާނުލް ޢަލީ (ހަވަނަ) ސިރީ އައުދަ ސިޔާސަ ކައްތިރި ބަވަނަ މަހާރަދުން (އަލި ރަސްގެފާނެވެ). ހިޖުރައިން 965 ވަނަ އަހަރުގެ ރަޖަބު މަހުގެ ފަހު ދުވަހަށް އިރު އޮއްސި، ހަމަހިމޭން މަގުތަކަށް އަނދިރިކަން ވެރިވެގެން ދިޔައީ އެހާހިސާބުންނެވެ.

ހަމަހިމޭން ރޭގަނޑު ފަސްދީ ބަނަ ވިލާގަނޑަކަށް އިރު އަރާނެ ކަމަކަށް އޭރަކުވެސް އެއްވެސް ދިވެއްސަކު ހީނުކުރެތެވެ. ނަމަވެސް، ހަމަ ހިމޭން ފަތިހުގެ ނިމުން ގެނުވީ އެފަދަ ބަނަ ކަމާއި އަނދިރިކަން މުޅި ގައުމަށް ކުރިމަތި ކުރުވަމުންނެވެ. ޝައުބާން މަހުގެ ފަތިހަށް އަލިވިލީ އަދުއްވުންގެ ބިރުވެރިކަމާއި، އަނިޔާވެރިކަމާއި، ދިވެހި ގައުމާއިގެން ބެންބޮވައިގަނެފައި ތިބި ޕޯޗުގީޒުންގެ ހަނގުރާމަވެރި ލަޝްކަރާއިގެންނެވެ.

ލަހެއް ފަހެއް ނެތި، ރަސްގެފާނުގެ ކަންފަތްފުޅަށް މިއަޑު އިވިއްޖެއެވެ. އެހާހިސާބުން ޖެހިވަޑައިގަތީ ދީނާއި ގައުމުގެ ދިފާއުގައި، އަމިއްލަ މޭ އައްޑަނައަށް ނެރި ހަނގުރާމައަށް ތައްޔާރުވާށެވެ. އެތެރެކޮއިލުން ވަޒީރުންނާއި ރަސްކަމުގެ އަރިސް ބޭކަލުން ގެންނަވައި ހަނގުރާމައިގެ މަޝްވަރާތަށް ކުރައްވާ، ގައުމާއިގެން، ދީނާއިގެން ޕޯޗުގީޒުންނާއި ހަނގުރާމައަށް ނުކުންނެވިއެވެ. ޕޯޗުގީޒުންގެ ބިޔަ ބޮޑު ލަޝްކަރާއި ދެކޮޅަށް ދިވެހިންގެ ތެރެއިން ނުކުތް މަދު މީސްކޮޅެވެ. ހަނގުރާމާއިގެ ރޯޅި ގަދަނުވަނީސް، ދިވެހި ގައުމުގެ ދިފާއުގައި ނުކުތް ބަޔަކު، ފިނޑިކަން އިސްކޮށް ފިލަން ދުވެނަގައިފިއެވެ. މީސްކޮޅު އިތުރަށް މަދުވީއެވެ. ނަމަވެސް ގައުމުގެ ދިފާއުގައި އަލި ރަސްގެފާން ތެދުވެ ހަނގުރާމަ ކޮށް، ޝަހީދުވެ ވަޑައިގެންނެވެިއެވެ. އިސާހިތަކު މުޅި ދިވެހި ދައުލަތަށް އަނދިރިކަން ވެރިވެ، ގައުމުގެ މިނިވަންކަމާއި އިސްތިގްލާލް ގެއްލި ވަޔާއި މޮޑެވިއްޖެއެވެ.

ދިވެހި ރާއްޖޭގެ ޝަހީދުންގެ ދުވަސް ފާހަގަ ކުރަނީ މިސަބަބަށް ހާއްސަކޮށެވެ. އަލިރަސްގެފާނުގެ ޖިހާދަށެވެ. އެންމެ 2 މަހާއި 15 ދުވަސް ވީ ރަސްކަމުގެ ނިމުން ގެނުވި ދުވަހަށެވެ. ގައުމާއިގެން އެންމެ ފަހު ވަގުތާޖެހެންދެން ހުންނެވި އަބްތާލަށެވެ. އަލިރަސްގެފާނަަށް މިދުވަސް ހާއްސަ ވިކަމުގައި ވީނަމަވެސް، ޝަހީދުންގެ ދުވަހަކީ ދިވެހި ގައުމަށްޓަކައި މޭ އައްޑަނައެއްގެ ގޮތުގައި ދިއްކޮށް ޝަހީދުވެ ވަޑައިގެންނެވި އެންމެހާ އަބްތާލުންގެ ހަނދާންތަކާއި ޒިކްރާތަށް އާކުރެވޭ ދުވަހެވެ. ގައުމުގެ މިނިވަންކަން މިއަދާއި ހަމައަށް ދެމިއޮތުމުގެ އެނެްމެ ބޮޑު އަސާސު ކަމުގައިވާ އެންމެހާ ޝަހީދުންނަށް ހުރުމަތުގެ ގޮތުން އަދާކުރެވޭ ދުވަހެވެ.

އަލި ރަސްގެފާނު ޝަހީދުވެ ވަޑައިގެންނެވިތާ 476 އަހަރު ފާއިތެވެގެން ދިޔަނަމަވެސް، ދިވެހީންގެ މިނިވަންކަމާއި، އިސްތިގްލާލާއި އަމަން އޮމާންކަން ދަމަހައްޓަން އަބްތާލުން ކޮށްދެއްވި އެންމެހާ ކަންތައްތަކާއި، ވެދެއްވި ގުރްބާނީ އަބަދުމެ ހަނދާނުގައި ބަހައްޓަންވާނެއެވެ. ސިޔާސީ ގޮތުން ކޮންމެ ކުލައަކަށްވިޔަސް، ކުލައަށްވުރެ އިސްކަން ދޭންވާނީ، އިސްކަން ދެވެންޖެހޭނީ ގައުމާއި ގައުމުގެ މުސްތަގްބަލަށެވެ. ގައުމުގެ މުސްތަގްބަލެއް ބިނާވެސް ކުރެވޭނީ ގައުމުގެ މިނިވަންކަމާއި، ދީން އޭގެ އެންމެ ފުރިހަމަ ގޮތުގައި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދީގެންނެވެ.

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް