ނަޑެއްލާގެ ހިތްގައިމު އިކޯ ޕާކް ހުޅުވައިފި

ގދ ނަޑެއްލާގެ ގޮނާނިގިލި ކުޅީގައި ތަރައްޤީކުރި އިކޯ ޕާކް ރަސްމީކޮށް ހުޅުވައިފި އެވެ.

ބޭންކް އޮފް މޯލްޑިވްސްގެ އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑްގެ ދަށުން ގދ ނަޑެއްލާގައި އިކޯ ޕާކް ތަރައްޤީކުރީ ނަޑެއްލާގެ ޖަމިއްޔާއެއް ކަމުގައި ނަޑެއްލާ އައިލެންޑް ޑިވެލޮޕްމެންޓް ސޮސައިޓީ ( ނިޑްސް ) އިންނެވެ. އިއްޔެ އިކޯ ޕާކުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އިކޯޕާކް ރަސްމީކޮށް ހުޅުއްވައި ދެއްވީ ނަޑެއްލާ ސްކޫލްގެ ޕްރިންސިޕަލް ހުސެއިން ޖަވީދު އެވެ.

ނަޑެއްލާގެ ގޮނާނިގިލި ކުޅީގައި ތަރައްޤީކުރި އިކޯ ޕާކް އަކީ އެކުޅީގެ ގުދުރަތީ ރީތިކަން އާންމުންނަށް ފަސޭހައިން ބަލާލައި ހިތްހަމަޖައްސާލާނެ މާހައުލެއް ޤާއިމްކޮށްދިނުމާއި އެކު ކުޅީގެ ގުދުރަތީ ރީތިކަން އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓުމުގެ މަޤްސަދުގައި ކުރިޔަށް ގެންދިޔަ ޕްރޮޖެކްޓެއް ކަމަށް ނިޑްސް އިން " ގާފު " އަށް މައުލޫމާތު ދެއެވެ.

މި ޕްރޮޖެކްޓުގެ ދަށުން ގޮނާނިގިލި ކުޅި ސަރަހައްދުގައި ވިވިންގ ޕްލެޓްފޯރމަކާއި ، 5 ބެންޗާއި ، 5 ޑަސްބިން ބަހައްޓައި 5 ސޯލާ ބައްތި ވަނީ ހަރުކޮށްފައިއެވެ.

އިކޯ ޕާކްގެ އަމަލީ މަސައްކަތް ކުރިޔަށްގެންދިޔައީ ނިޑްސްގެ ވޮލެންޓިއަރުންނާއި ރަށުގެ ބަޔެއް ރައްޔިތުންގެ އެހީތެރިކަމާއި އެކުގައި އެވެ. އެގޮތުން މި މަސައްކަތުގައި އަމަލީ ގޮތުން މަސައްކަތް ކުރެއްވި ހުރިހާ ފަރާތަކަށް ނިޑްސްގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފައިއެވެ.

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން ރާއްޖޭގެ 40 ރަށެއްގައި ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދެވިފަ އެވެ.

މި އަހަރުގެ ފުރަތަމަ ފިޔަވަހީގައި ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ވަނީ ހޮވާފައިއެވެ. އެހެން އަހަރުތަކޭ އެއްގޮތަށް މި އަހަރު ވެސް ޖުމްލަ 20 ޕްރޮޖެކްޓެއް ހިންގުމަށް މި ފަންޑުގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެބޭންކުން ވަނީ ބުނެފައި އެވެ. ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓްތަކުގެ ތެރެއިން ހޮވޭ ކޮންމެ ޕްރޮޕޯސަލްއެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50،000ރ. ބީއެމްއެލްއިން ދެއެވެ.

 

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް