logoEN
ކޮކާކޯލާ
ހުވަދު އަތޮޅުގެ ތާރީޚާއި ގުޅިފައިވާ މަޝްހޫރު "އެކެފަރު ބޯޓް" ގެ ވާހަކަ

ހުވަދު އަތޮޅުގެ ތާރީޚާއި ގުޅިފައިވާ މަޝްހޫރު "އެކެފަރު ބޯޓް" ގެ ވާހަކަ

ގާފު އެޑިޓޯރިއަލް

logo

11/17/2020, 11:29:22 AM

# ތާރީޚް

ekefaru hute boataa

ދުވަސްވަރަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ކަންތައް ނިމުމަކަށް އަންނަމުންދިޔަ ދުވަސްވަރެވެ. ނަމަވެސް މުޅި ހުވަދު އަތޮޅުގެ ރައްޔިތުންނަށް ކާބޯތަކެތީގެ ދަތިކަން ފޯރައިފައިވުމާއެކު ރައްޔިތުން ތިބީ ކާބޯތަކެއްޗަށް ނުހަނުބޮޑަށް ބޭނުންވެފަ އެވެ. އެދުވަސްވަރުވެސް ހުވަދު އަތޮޅަކީ ފަންޑިތަ ސިހުރަ ހާހޫރައިގެ ރޮގުން ރާއްޖެއަށް ނިސްބަތްވާ އެންމެ ފުންނާބު އިސް މީހުން އުޅުނު އަތޮޅެކޭ ބުނުމުން މިއީ ދޮގަކަށް ނުވާނެއެވެ. އަތޮޅުގެ ރައްޔިތުންނަށް ޖެހިފައިވާ ދަތިކަމުގެ ވާހަކަ، ވިލިގިނލީ ދޮންއަހަންމަދު (އެދުވަސްވަރު މުޅި އަތޮޅަށް މަޝްހޫރު ފަންޑިތަވެރިޔެއް) ގާތުގައި މީހުން ގޮސް ދައްކަންފެށުމުން ފުފޭއެއްގައި ފަންޑިތައެއް ލިޔެ އެނދުތަންދޮށުގައި ބަންޑުން ބޭއްވުމަށްފަހު ބުނިކަމަށްވެއެވެ. ކަލޭމެން މާދަމާ ހެނދުނު އަތިރިމައްޗަށް ދާށެވެ. އަތޮޅު ރައްޔިތުންނަށް ދިމާވެގެން އުޅޭ ދަތިތަކަމަށް ހައްލެއް ލިބިގެންދާނެއެވެ. މިގޮތުން އަތިރިމައްޗަށް ދިޔަ މީހުން ގޮސް ބެލިއިރު، ހުވަދު އަތޮޅުގެ ބޮޑު އެއްފަރު ކަމުގައިވާ "އެކެފަރަށް" ބޮޑު އާގު ބޯޓެއް އުރިފައި ހުއްޓެވެ. އަތިރިމައްޗަށް ދިޔަ މީހުން މިވާހަކަ އައިސް ދޮން އަހައްމާދީ ކައިރީގައި ބުނުމުން، އެބޯޓުގައި ހުރި ތަކެތި ހުސްވުމުގެ ކުރިން ބޯޓު ފުން ނުކުރެވޭނެ ކަމަށް ދޮން އަހައްމާދީ ބުނިކަމަށް ވެއެވެ. ކަންތައް ވެގެން ދިޔައީ ހަމަ ދޮން އަހައްމާދީ ބުނިގޮތަށެވެ. މިއީ "އެކެފަރަށް" އުރުނު ބޯޓާއި ގުޅުވައިގެން ދެކެވޭ ފޯކުލޯރު ވާހަކައިގެ ގޮތުގައި މަޑަވެލީ، އިބްރާޙިމް ތަކުރުފާނަށް ޙަވާލާދީ / މަޑަވެލި، އަލީ ނަޞިރު ގެނެސްދީފައިވާ މަޢުލޫމާތެވެ.

އަބުޅޯ

ދެން މިހާ ހިސާބުން "އެކެފަރަށް" އުރުނު ބޯޓުގެ މަޢުލޫމާތު ހިމަނާލަމެެވެ. އެމް.އެސް. "ތާލަތާ" ނުވަތަ މަޝްހޫރު ނަމުން ނަމަ އެކެފަރުބޯޓް ހުވަދުއަތޮޅު އެކެފަރަށް (މާމުޓާކައިރިއަށް) އުރުނީ، 04 ޖުލައި 1948މ. (27 ޝަޢުބާން 1376ހ.) ގަވެ. މިބޯޓަކީ ސީނުކަރައިގެ ޝަންގްހާއިން ފުރައިގެން ނޯވޭގެ އޮސްލޯއަށް ދަތުރު ކުރަމުން ދިޔަ ބޮޓެކެވެ. ހުވަދު އަތޮޅުގެ ރަށްތަކުގައި މި ބޯޓުގެނަން "ހުޓެ ބޯޓާ" އަދި އެއަހަރަށް "ހުޓެ ބޯޓާ ފަރަން އެރީ އަހަރާ" ނިސްބަތްކޮށް ކިޔައި އުޅެއެވެ. މި ބޯޓުގައި ގިނަ އަދަދަކަށް ހަނޑުލާއި، ފުށާއި، އަސޭމިރުހާއި، ފޮނިތޮއްޓާއި، ކާއްޓާއި، އަދި ގިނަ ޢަދަދަކަށް ރޯނާއި، ރަބަރު ހުއްޓެވެ. ބޯޓް ފުންކުރުމަށްޓަކައި، ގިނަޢަދަދެއްގެ ތަކެތި (ފަރުކައިރިއަށް) މޫދަށް ބޭރުކޮށް ބޯޓް ލުއިކުރި އެވެ. އެތަކެތި އަތޮޅުގެ ރަށްރަށުގެ މީހުން ނަގައި އުޅުނެވެ. މިތަނުން ބައެއްތަކެތި މާލެ ގެންގޮސް، ބައެއްތަކެތި އަތޮޅުގެ ރައްޔިތުން ނެގިއެވެ. ދޮން އަހައްމާދީ ބުނިފަދައިން ބޯޓު ފުންކުރެވުނީ މުޅި ބޯޓުގެ ހުރި ހުރިހާ މުދަލެއްހެން ބޭރުކޮށް ބޯޓު ހުސްކުރެވުނު ފަހުންނެވެ. ބޯޓް އުރުނުތާ ދެމަހެއްހާ ދުވަސް ފަހުން ބޭރުން (މިޞްރުން) ޓަގްބޯޓެއް ގެނެސް ބޯޓު ފުންކުރީ އެވެ. މިގޮތުން ބޯޓު ފުންކުރެވިފައިވަނީ، 26 އޮކްޓޫބަރ 1948މ. ގަ އެވެ.

އެކެފަރު ބޯޓު ފުންކުރުމުގެކުރިން (ބޯޓު ލުއިކުރުމަށްޓަކައި) ގިނަޢަދަދެއްގެ ގޮދަންފުށް (ކަނޑަށް) ބޭރުކުރިއެވެ. ގޮދަށްފުށް ކަނޑުމަތިން ހޮވައިގެން ގެންދަޔައީ ކޫއްޑުވަށެވެ. އެ މަސައްކަތްކުރީ ހުވަދު އަތޮޅުގެ ރައްޔިތުންނެވެ. ގޮދަންފުށް ބޭރުކުރަން ފެށުމުން ދިރުނބާކޮޅު ލުއިވާ ވަރަކަށް އެއްގަމަށް (ފަރުމައްޗަށް) ބޯޓު އަރަމުންދިޔައެވެ. އެކަން ޙައްލުކުރުމަށްޓަކައި ފަލުކާތަކަށް ލޮނު ބަރުކުރިއެވެ. (އެ ޚިޔާލުދިނީ ކެޕްޓަނުގެ އަންހެނުންކަމަށް ބުނެވެއެވެ.) ބޯޓު ލުއިކުރުމަށްފަހު، ޓަގުބޯޓުގެ އެހީގައި އެ ބޯޓު ފުންކުރީއެވެ. ބޯޓު ފުންވަމުން ދިޔަވަގުތު ބޯޓުގެ ކެޕްޓަން ދިރުނބާކޮޅުގައި ދުވެފައި ކޮޅުފަސްކޮޅަށް ދަނިކޮށް ފަލުކާތެރެއަށް ވެއްޓި އުނަގަނޑު ބިނދި މަރުވީ އެވެ. އަދި އެކެފަރު ބޯޓުން މަރުވި އެބޯޓުގެ ކެޕްޓަން ވަޅުލެވުނު ކަމަށް ވަނީ ކޫއްޑޫގައެވެ. ވަޅުލުމަށް ކަންތައް ކުރެވެނުގޮތަކީ، ބޮޑުފޮއްޓެއް ޖަހައި އެފޮށީގައި (ގޮނޑިއެއްގައި) އެމީހާ ބައިންދައި، އޭނަގެ މިލްކިއްޔާތުގައި ހިމެނޭ ފައިސާއާ، ގަހަނާ އެފޮއްޓަށް އަޅައި، ލޮލުގައި އައިނުއަޅުވައި ޖީބުގައި ގަލަންވެސް ޖަހައި އެމީހާ ވަޅުލީކަމަށް ވެއެވެ. ނަމަވެސް، ބޯޓު ފުރައިގެން ދިއުމުން ދަންވަރު މަހާނަ ކޮނެ ފޮށީގައި ހުރި ތަކެތި ނެގިކަމަށް ވެއެވެ. އޭރު ކޫއްޑޫ ރަށްވެރި އަކަށްހުރީ ހަވަރުތިނަދޫ ޝަރުބަތު އަލީ ކަމުގައިވެއެވެ. (އިސްމާޢިލް ވަހީދު، ގދ.ތިނަދޫ އަދި ޢަލީ އިބްރާހީމް މަޑަވެލި އާއި ޙަވަލާދީ މަޑަވެލި، އަލީ ނަސީރު ގެނެސްދީފައިވާ މަޢުލޫމާތު)

ހުވަދު އަތޮޅު މީހުންގެމެދުގައި އެކެފަރު ބޯޓަކީ ވަރަށް މަޝްހޫރު ބޯޓެކެވެ. މިގޮތުން އެ ބޯޓާއި ގުޅުވައިގެން ވަރަށްގިނަބަޔަކަށް އެމީހުންގެ އުފަން ތާރީޚު އެގިން ދިޔައެވެ. މިސާލަކަށް: އެކެފަރުބޯޓު އުރުނު އަހަރު، ފަހުއަހަރު، ކުރީއަހަރު މިފަދަ ގޮތްގޮތަށެވެ. މިލިޔުމުގައި އެކުލެވިފައިވާ މަޢުލޫމާތަކީ، ތަފާތު އެކި ތާރީޚީ ލިޔުންތަކުން އެއްކުރެވުނު މައުލޫމާތެވެ. މި މަޢުލޫމާތުތައް އެއްވެސް އުނިއިތުރު ކުރުމަކާ ނުލައި އޭގެ އެންމެ އަސްލާއި އެއްގޮތަށް ގެނެވިފައިވާނެއެވެ.. ލިޔުމުގައި ހިމާނާފައިވާ ބައެއް ހާދިސާތަކަކީ ތުންތުން މަތިން އައިސްފައިވާ ފޯކުލޯރު ވާހަކަތަކަށް ވުމުން މަޢުލޫމާތު އެންމެ ސައްޙަ ނުވުމުގެ ފުރުޞަތު ބޮޑެވެ.

ހުވަދު އަތޮޅާއި ގުޅޭ މިފަދަ ލިޔުންތައް ކިޔުންތެރިންނާއި ހަމަޔަށް މިނޫސް މެދުވެރިކޮށް ގެނެސްދިނުމުގެ މައިގަނޑު މަޤްސަދުތަކުގެ ތެރޭގައި ހުވަދު އަތޮޅާއި ގުޅޭ، ތާރީޚީ ކަންތައްތައް ހަނދާނުން ފޮވެހެވިގެން ދިޔުމުގެ ކުރިން، ފަހުގެ ޖީލުތަކަށް މިމަޢުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ