
qx
ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ އިތުބާރު ނެތްކަމަށް ފާސްކުރަން ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން މަސައްކަތް ފެއްޓެވުމުން އޭނާގެ ދިފާއުގައި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްުޔޫމު ނުކުމެވަޑައިގެންފި އެވެ.

މިނިސްޓަރ ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ 10 މެމްބަރެއްގެ ސޮއާއި އެކުގައި އިއްޔެއެވެ.
ރައީސް މައުމޫނު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޒަހާއަށް އެމްއާރްއެމްގެ ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށާއި ރާއްޖޭގެ މަސްވެރިކަމުގެ އިންޑަސްޓްރީއަށާއި ގައުމަށް ކޮށްދެއްވަނީ ފާހަގަކޮށްލެވޭ ވަރުގެ ހިދުމަތެއް ކަމަށެވެ. މި ޓުވީޓުގައި ރައީސް މައުމޫން ވަނީ ރައީސް އޮފީސްވެސް ޓެގް ކުރައްވާފައި އެވެ.
ޒަހާގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވަނީ މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދި، މަސްވެރިންނަށް ދޭންޖެހޭ ހިދުމަތްތައް ނުދެވުމާއި މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދާ ނުދެވި މަސްވެރިންގެ ޖީބަށް ޑޮލަރު ވަންނާނެ ގޮތް ނެހެދުމާއި މަސްވެރިކަމުގެ ސިނާއަތުން ނެރެވޭ ފައިދާ ބޮޑު ނުކުރެވޭ ކަމަށް ބުނެއެވެ. އަދި ރާއްޖޭގެ ކަނޑުތައް ދިވެހި މަސްވެރިންނަށް ޔަގީން ކޮށްދީ، ކަންނެލި ޖަގަހަތަކާއި ގޭދޮށު ފެކްޓްރީތައް ގާއިިމު ކުރުމަކީ ސަރުކާރުގެ ވައުދުތަކަށްވެފައި މި ވައުދުތައް ނުފުއްދޭތީ ކަން މި މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.
ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުއަށް މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭތީ އެކަމަަނާ މަގާމުގައި ހުންނެވުމަކީ މަސްވެރިންނާއި މަސްވެރި އާއިލާތަކަށްވެސް އިތުރު ނިކަމެތި ކަމެއް ލިބޭނެ ކަމެއް ކަމަށްވާތީ ޒަހާގެ އިތުބާރު ނެތް މައްސަލައެއް ކަމަށް އިދިކޮޅުން ހުށަހެޅި މައްސަލައިގައި ފާހަކޮށްފައިވެއެވެ.