
ޒަހާ ވަހީދު - މަޖިލިސް
މިނިސްޓަރ އޮފް ފިޝަރީސް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދުގެ އިތުބާރު ނެތް މައްސަލައެއް މަޖިލީހަށް ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅު ކޯލިޝަންގެ މެމްބަރުންގެ ސޮއާއިއެކުއެވެ.
އެގާރަ މެންބަރުން ސޮއިކުރައްވާ ހުށައެޅުއްވި އިތުބާރު ނެތްކަމުގެ މައްސަލާގައި ބޮޑަށް ފާހަގަކޮށްފައިވަނީ މަސްވެރިންނަށް މި ސަރުކާރުން ވި ވައުދުތައް ނުފުއްދޭ ވާހަކައެވެ.
އެގޮތުން މި މައްސަލައިގައި ފާހަގަކޮށްފައިވަނީ މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދި، މަސްވެރިންނަށް ދޭންޖެހޭ ހިދުމަތްތައް ނުދެވުމާއި މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދާ ނުދެވި މަސްވެރިންގެ ޖީބަށް ޑޮލަރު ވަންނާނެ ގޮތް ނެހެދުމާއި މަސްވެރިކަމުގެ ސިނާއަތުން ނެރެވޭ ފައިދާ ބޮޑު ނުކުރެވޭ ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުތައް ދިވެހި މަސްވެރިންނަށް ޔަގީން ކޮށްދީ، ކަންނެލި ޖަގަހަތަކާއި ގޭދޮށު ފެކްޓްރީތައް ގާއިިމު ކުރުމަކީ ސަރުކާރުގެ ވައުދުތަކަށްވެފައި މި ވައުދުތައް ނުފުއްދޭތީ ކަން މި މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.
ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުއަށް މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭތީ އެކަމަަނާ މަގާމުގައި ހުންނެވުމަކީ މަސްވެރިންނާއި މަސްވެރި އާއިލާތަކަށްވެސް އިތުރު ނިކަމެތި ކަމެއް ލިބޭނެ ކަމެއް ކަމަށްވާތީ ޒަހާގެ އިތުބާރު ނެތް މައްސަލައެއް ކަމަށް އިދިކޮޅުން ހުށަހެޅި މައްސަލައިގައި ފާހަކޮށްފައިވެއެވެ.