
Screenshot 2021-03-10 at 15.20.24
2022 ވަނަ އަހަރު ފާހަގަކުރާ ފަތުރުވެރިކަމުގެ ރަން ޔޫބީލް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކުގައި ބޭނުންކުރާނެ ލޯގޯ އިފްތިތާހު ކޮށްފި އެވެ.

ވާޗުއަލްކޮށް މިއަދު ބޭއްވި ރަސްމއްޔާތެއްގައި ފަތުރުވެރިކަމުގެ ރަން ޔޫބީލް ލޯގޯ އިފްތިތާހުކޮށްދެއްވީ މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއާމަން މުހައްމަދު އުމަރު މަނިކެވެ. އޭނާއަކީ ރާއްޖެއަށް ފަތުރުވެރިކަން ތައާރަފުކުރުމުގައި އިސްކޮށް ހަރަކާތްތެރިވެލެއްވި އަދިވެސް އެ މަސައްކަތުގައި ދެމިހުންނެވި ބޭފުޅެކެވެ. މި ރަސްމިއްޔާތުގައި ރާއްޖެއަށް ފަތުރުވެރިކަން ތައާރަފުކުުރުމުގައި ހަރަކާތްތެރިވެލެއްވި މިހާރުގެ ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އާއި މަޓީގެ ވައިސް ޗެއާމަން ހުސައިން އަފީފް އަދި ރާއްޖޭގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަހުމަދު މުޖުތަބާ ވެސް ބައިވެރިވެވަޑައިގަތެވެ.
ޓޫރިޒަމް ރަންޔޫބީލްގެ ލޯގޯ ފަރުމާ ކޮށްފައި ވަނީ އަބްދުﷲ ނަޝާތު އަދި މުހައްމަދު އަޒްލިފް އެވެ. މިލޯގޯ އިން ރާއްޖޭގެ ގުދުރަތީ މުއްސަނދިކަމާއި ރީތިކަން އަދި ސަގާފަތާއި ތަރިކަ ރަމްޒުކޮށްދެ އެވެ.
2022 ވަނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ އަހަރަށް ވާތީ އެ އަހަރު ފަތުރުވެރިކަމުގެ ރަން އަހަރުގެ ގޮތުގައި ފާހަގަކުރުމަށް ޓުއަރިޒަމް މިނިސްޓްރީއިން ވަނީ ކައުންޓްޑައުންއެއްވެސް ފަށާފައި އެވެ. އަދި މިއަދު އިފްތިތާހް ކުރެވުނު ލޯގޯ ރަންޔޫބީލް އާ ގުޅުން ހުރި ހަރަކާތްތަކުގައި މިއަދުން ފެށިގެން ބޭނުންކުރުމަށް ވަނީ ނިންމާފައި އެވެ.