
ކާއްޑޭ ސްޕޯޓްސްއާއި ރައުހަތު ސްޕޯޓްސްއިން ސޮސައިޓީ އޮފް ވާދޫ ޔޫތްއާއި ގުޅިގެން ވާދޫގައި ފުޓްބޯޅަ ޓްރެއިނިންގ ކޭމްޕެއް!
IMG_2289
ގދ ވާދޫގެ ކުޑަކުދިންނަށް އަމާޒުކޮށްގެން ކާއްޑޭ ސްޕޯޓްސް އެކަޑަމީއާއި ރައުހަތު ސްޕޯޓްސްއިން ވާދޫގެ ޖަމިއްޔާއެއް ކަމުގައިވާ ސޮސައިޓީ ފޯ ވާދޫ ޔޫތްއާއި ގުޅިގެން އެރަށުގައި ފުޓްބޯޅަ ޓްރެއިނިން ކޭމްޕެއް ފަށައިފި އެވެ.

އުމުރުން 4 އަހަރާއި 15 އަހަރާއި ދެމެދުގެ ކުޑަކުދިންނަށް އަމާޒުކޮށްގެން ވާދޫގައި ކުރިއަށްގެންދާ މި ކޭމްޕަކީ ދިހަދުވަހުގެ މިއްދަތަކަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކޭމްޕެކެވެ. މި ކޭމްޕް މިއަދު ފެށީ 50 ދަރިވަރުންނާއި އެކުގައި އެވެ. މި ކޭމްޕުގައި ކާއްޑޭ ސްޕޯޓްސް އެކަޑަމީއާއި ރައުހަތް ސްޕޯޓްސް އެކަޑަމީގެ ޓްރެއިނަރުން މި ކުދިން ތަމްރީން ކުރުމުގައި ހަރަކާތްތެރިވުމަށް ވަނީ ހަމަޖެހިފައިއެވެ. މިއީ ރައުހަތު ސްޕޯރޓްސް އެކެޑަމީ އާއި ކާއްޑޭ ސްޕޯރޓްސް އެކަޑަމީ ގުޅިގެން ހިންގާ ސްޕޯރޓްސް ޑެވެލޮޕްމެންޓް ޕްރޮގްރާމުގެ ތެރެއިން ކުރިޔަށް ގެންދެވޭ ތަމްރީން ތަކެކެވެ.
އުހަތު ސްޕޯރޓްސް އެކެޑަމީގެ ރައީސް ހުސައިން ރައުހަތު ގުދުރަތުﷲ " ގާފު ސްޕޯޓްސް " އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިގޮތުގައި މި ޕްރޮގްރާމަކީ ވާދޫއިން ޤައުމީ ފެންވަރުގެ ހުނަރުވެރި ކުޅުންތެރިންތަކެއް އުފެއްދުމުގެ މަޤްސަދުގައި ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމުން ތަމްރީންވެ ގައުމީ ފެންވަރުގައި ވާދޫއަށް ނިސްބަތްވާ ކުދިން ފެންނާނެ ކަމުގެ އުންމީދު އޮތް ކަމަށްވެސް ރައުހަތް ވިދާޅުވިއެވެ.
މީގެ އިތުރުން ކާއްޑޭ ސްޕޯރޓްސް އެކަޑަމީގެ ޑިރެކްޓަރ އާދަމް ލަރީފް (ރޮނާ) " ގާފު ސްޕޯޓްސް " އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިގޮޮތުގައި މި ކޭމްޕަކީ ޤައުމީ ފެންވަރުގައި ކުޅޭނެ ކުޅުންތެރިންތަކެއް އުފެއްދުމުގެ ދުރު ރާސްތާ ޕްލޭނެއްގެ ދަށުން ހިންގާ ޕްރޮގްރާމެއް ކަމަށެވެ. އަދި މި ޕަރޮގްރާމް ނިމިގެންދާއިރު ކުދިންގެ އަޙުލާގަށް ރަނގަޅު ބަދަލުތަކެއް އައިސްގެންދާތަން ފެނިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރައުހަތް ސްޕޯޓްސްއާއި ކާއްޑޭ ސްޕޯޓްސްއާއި ދެމުދު މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ވަނީ ކުޅިވަރުގެ ދާއިރާގެ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ އެއްބަސްވުމެއްގައި ސޮއި ކޮށްފައި އެވެ.
ރައުހަތް ސްޕޯޓްސް ކްލަބަކީ ރާއްޖޭގެ އެތްލެޓިކްސްގައި ނަން މަޝްހޫރު އަދި ކާމިޔާބު ކްލަބެކެވެ. އަދި ރައުހަތު ސްޕޯޓްސް އިން އަންނަނީ ހުވަދު އަތޮޅުގައި ފުޅާ ދާއިރާއެއްގައި އެތްލެޓިކްސް ދާއިރާއިން ދަރިވަރުން ތަމްރީން ކުރަމުންނެވެ.
ގދ ހޯނޑެއްދޫ އަށް ނިސްބަތްވާ ކާއްޑޭ ސްޕޯޓްސް އަކީ ފުޓްބޯޅައިގެ އިތުރުން ހޭންޑްބޯލް ފަދަ އެހެނިހެން ކުޅިވަރު ޓްރައިނިންގ ތަށް ކުރިޔަށް ގެންދިޔުމުގެ ހުއްދަ އޮތް ކުލިވަރު ކްލަބެކެވެ. 2020 ގައި ރަޖިސްޓްރީކުރެވި ވުޖޫދަށް އައި ކާއްޑޭ ސްޕޯޓްސްއިން މިހާރު އެންމެ ބޮޑަށް އިސްކަންދީގެން ކުރިއަތް ގެންދަނީ ހަމައެކަނި ފުޓްބޯޅަައިގެ ޓްރެއިނިންގ ޕްރޮގްރާމްތަކެވެ.