
23 އަހަރުގެ ޒުވާން 11 ކުދިންގެ މަންމައެއް- އަދިވެސް ބޭނުމީ އިތުރު ކުދިން ހޯދަން
4
އެންމެ ކުއްޖެއްގެ ބަދަލުގައި، 11 ކުދިން އެއްވަގުތެއްގައި މަންމަގެ ސަމާލުކަން ހޯދަން ކުރާނެ ކަންތައް އަންދާޒާ ކޮށްލަމާތޯއެވެ. މިއީ އުމުރުން 23 އަހަރުގެ ޒުވާން މަންމައެއް ކަމުގައިވާ ކްރިސްޓީނާ އޯޒްޓާކްގެ ކޮންމެ ދުވަހެއްގެ ދިރިއުޅުމެވެ. ނަމަވެސް ކްރިސްޓީނާގެ ދިރިއުޅުން ވަނީ އުފަލުން ފުރިފައެވެ. މި އެގާރަ ކުދިން ދެކެވެސް ކްރިސްޓީނާ އިންތިހާއަށް ލޯބިވެއެވެ.

ކްރިސްޓީނާ ބޭނުންވަނީ ބޮޑު އާއިލާއެކެވެ. އަދިވެސް އިތުރު ކުދިން ހޯދަން ކްރިސްޓީނާ ބޭނުންވެއެވެ. މިއާދަޔާ ޚިލާފު ޒުވާން މަންމަޔާއި ގުޅޭ މަޢުލޫމާތު އަދި މި ލިޔުމުގައި ގެނެސްދީފައިވާ ލޯބި ލޯބި 11 ތުއްތު ކުދިންގެ ވީޑިއޯއެއް މިލިޔުމާއެކު ހިމަނާފައި ވާނެއެވެ.
ކްރީސްޓީނާގެ ފުރަތަމަ ދަރިފުޅު:
ކްރިސްޓީނާގެ އުމުރުން 17 އަހަރުގައި އޭނާގެ ފުރަތަމަ ދަރިފުޅު ވިކްޓޯރިއާ އުފަންވެއެވެ. އޭރު ކްރިސްޓީނާއަށް އުޅެން ޖެހުނީ އެކަނިވެރި މައެއްގެ ދިރިއުޅުމެކެވެ. ޗުއްޓީއެއްގައި ކްރިސްޓީނާއަށް މިހާރުގެ ފިރިމީހާ އާއި ބައްދަލުވެ ދެމީހުން ލޯބީގެ ގޮތުން ގުޅެއެވެ. މިހާރުގެ ފިރިމިހާ ބުނާގޮތުން އޭނާއަށް ކްރިސްޓީނާދެކެ ލޯބި ވެވުނީ ފުރަތަމަ ނަޒަރުންނެވެ. ކައިވެނި ކުރުމަށް ހުށަހެޅި ހުށަހެޅުމާއެކުވެސް، ގިނަ އަދަދެއްގެ ކުދިން ބޭނުންވާކަން ފިރިމީހާ ވަނީ ހާމަކޮށްފައެވެ.
ގިނަ އަދަދެއްގެ ކުދިން ލިބުމުގެ ސިއްރު:
ކްރިސްޓީނާގެ ގިނަކުދިން ވިހާފައި ވަނީ އެއްވަގުތެއްގައެވެ. އަދި އެކުދިންގެ އުމުރަކީވެސް އެއް އުމުރެކެވެ. އެއްވަގުތެއްގައި، އެހާ ގިނަ ކުދިން އުފަންވުމަކީ ނުވާނޭކަމަކަށް ވުމުން، ކްރިސްޓީނާ އަދި އޭނާގެ ފިރިމީހާ ނިންމީ "ސަރޮގަސީ" (ފިރިހެންމީހާގެ ދަރިފަނި އަދި އަންހެން މީހާގެ ބިސް ނަގައިގެން ލެބޯޓްރީގައި މުޑުވައްކޮށް އެހެން އަންހެނެއްގެ ހަށިގަނޑަށް ލެއްވުމަށް) އެވެ. އެއްވަގުތަކާ ގިނަކުދިން ހޯދަން އޮތް ހަމައެކަނި އޮތް ގޮތަކީ މިއެވެ. މިދެމަފިރިން ބޭނުންވީ ވީހާވެސް ގިނަކުދިން ހޯދުމަށެވެ. ކުދިންގެ އަދަދެއް ކުރިން ނިންމާފައި ނެތެވެ. މިހުރިހާ ކުދިން ކްރިސްޓީނާގެ ބަނޑުން އުފަންނުވި ކަމުގައި ވީނަމަވެސް، މިހުރިހާ ކުދިންގެ "ބަޔޮލޮޖިކަލް މަދަރ" ނުވަތަ އަސްލު މަންމަޔަކީ ކްރިސްޓީނާއެވެ. އަދި ބައްޕަޔަކީ ކްރިސްޓީނާގެ ފިރިމީހާއެވެ.
11 ކުދިން ބެލެހެއްޓުން ކުރިޔަށް ގެންދާގޮތް:
އުމުރުން 56 އަހަރުގެ ކްރިސްޓީނާގެ ބައިވެރިޔާ އަކީ މިލިޔަނަރަކަށް ވުމުގެ އިތުރުން ސުޕަރ ޑޭޑް އެއް ނުވަތަ ކުޅަދާނަ ބައްޕައެކެވެ. އާއިލާގެ ހުރިހާ މެމްބަރުންގެ ބޭނުންތައް އޭގެ އެންމެ ފުރިހަމަޔަށް ހަމަޖައްސައި ދެވޭތޯ އަބަދުވެސް ބަލައެވެ. ކުދިންގެ ކަންތައް ބެލެހެއްޓުމަށް ކްރިސްޓީނާއަށް އެހީތެރިވުމުގެ ގޮތުން، ގިނައަދަދެއްގެ މީހުންނާއި އެސިސްޓެންޓުން ފިރިމީހާ ވަޒީފާ ދީފައި ވެއެވެ.
ކުދިންގެ ކަންތައް ބެލެހެއްޓުމަށް ޒިންމާތައް ދެމަފިރިންގެ މެދުގައި ވަނީ ބަހާލާފައެވެ. ވިޔަފާރި ހިންގުމުގެ ފުރިހަމަ ޒިންމާ ނަގަމުންވެސް ފިރިމީހާ ކްރިސްޓީނާ އަދި ދަރިންނަށް ގިނަ އަދަދެއްގެ ވަގުތު ދެއެވެ. ކުދިން ގޮވައިގެން ހިނގާލަން ދިޔުމާއި، ދެމަފިރިން އެކުގައި ބައެއް ބޯޑް ގޭމްސް ކުޅުމާއި، ދެމަފިރން ކުދިންނާއި އެކު ކޮންމެ ދުވަހަކު ފިލްމެއް ބަލާލަން ވަގުތުކޮޅެއް ހުސްކޮށްލައެވެ. ހަފްތާ ބަންދުގައި ދެމަފިރިން ކުދިންނާއެކު ގިނަވަގުތު ހޭދަކުރެއެވެ. ހަފްތާ ބަންދުގައި ދެމަފިރިންނާއި ކުދިން އެންމެން ހުރިހާ ވަގުތެއްގައި އެކުގައި ތަފާތު ކެއުންތައް ތައްޔާރުކޮށް އެކުގައި ކެއުމަށް ޚާއްސަ ސަމާލުކަމެއް ދެއެވެ.