logoEN
cocacola
ހުވަދު އަތޮޅުގެ ކުރީޒަމާނުގެ ބައެއް އާދަކާދަ 2

ހުވަދު އަތޮޅުގެ ކުރީޒަމާނުގެ ބައެއް އާދަކާދަ 2

# އާދަކާދަ، ހުވަދު އަތޮޅު

traditional-education-system-600x430

ރަށުތެރެ ސާފުކޮށް ބެލެހެއްޓުމާއި، މަގުތައް ސާފުކޮށް ބެލެހެއްޓުން

ގޮސިޔާ

ހުވަދު އަތޮޅުގެ އަންހެނުންނަކީ، ބުރަ މަސައްކަތް ކުރަމުުންވެސް، ސާފުތާހިރު ދިރިއުޅުމެއް އުޅުނު ބަޔެކެވެ. ގެއާއި ގޯތި ތެރެ އަދި ވަށައިގެންވާ މަގުތައް ދެއިރަށް ކުނިކަހައި ސާފުކޮށް ގޭގެ އަންހެންވެރިން ބަލަހައްޓައެވެ. ރަށުތެރޭގައި މީހުން ދިރިނޫޅޭ ސަރަޙައްދުތަކާއި، ހުސްކޮށްއޮންނަ ސަރަހައްދާއި، ދިރިއުޅޭ އަވަށުގެ ވަށައިގެންވާ މަގުތައް ކުނިކަހާ ސާފުކުރަނީ އަންހެނުންނާއި ފިރިހެނުނެވެ. މަދުވެގެން ހަފުތާއަކު އެއްދުވަހު އާއްމުގޮތެއްގައި ކޮންމެ ބުރާސްފަތި ދުވަހަކު ކުނިކަހާ ސާފުކުރެއެވެ. މަގުތަކުގެ މީހުން ދިރިއުޅޭ ހިސާބާއި ދުރުގައި އޮންނަ ސަރަޙައްދު ވިނަ ނޮޅައި، ވިނަ ކޮށައި، ގަސްގަހުގެ އޮފިތައް ކަނޑައި، ސާފުކޮށް ހަދަނީ ގިނައިން ފިރހެނުންނެވެ. އާއްމުކޮށް މަހަކު އެއްދުވަހު ރަށުތެރެ ސާފުކުރުމުގެ މަސައްކަތް ފިރިހެނުން ކުރެ އެވެ. އެކަމަށް ޚާއްޞަ ދުވަހަކީ ހުކުރު ދުވަހެވެ. ހުކުރު ދުވަހަކީ، ހުރިހާ ބޮޑެތި ފިރިހެނުން ރަށުގައިތިބޭ ދުވަހަށް ވުމުން، ހިނގާބިނގާވެއުޅޭ މަގުތަކާއި، ޤަބްރުސްތާނުގެ ވިނަނޮޅާއި، ގަސްތައް ކަނޑައި ސާފުކޮށް ހަދަނީ ފިރިހެނުންނެވެ.

undefined

އަންނައުނު ދޮވުމާއި، އެނދު، ތަންމަތި ސާފުކުރުން

އަންނައުނު ނުވަތަ ލާން ބޭނުންކުރާ ހެދުން ގިނަ މީހުން ދޮވެ ކަންތައްކުރަނީ އަތިރިމައްޗަށް ގެންގޮސްގެން މޫދު ލޮނުންނެވެ. ބޯފޮތިތައް އަދި މަދިރިގެ ފަދަ ތަކެތި ދޮވެއުޅެނީ، މޫދުގައި އަޅައިގެން ހަފުތާއެއްހާ ދުވަހު ބޭއްވުމަށްފަހު ނަގައިގެންނެވެ. މިފަދަ ތަކެތި ދޮންނަން ކަންކުރާ އުޞޫލަކީ، ފަލަ ރޯނުގަނޑެއްގައި، މަދިރިގެ އައްސައި ، އޮޔާ ނުދާ ގޮތަށް މޫދުގައި ދެތިން ދުވަހު ލޮނުގަނޑުގެ އަޑީގައި އޮންނަގޮތަށް ފުރަތަމަ ބާއްވަނީއެވެ. ދެން އެއަށްފަހު މަދިރިގެ ނަގައި، ދޮންވެލި ގަނޑުގައި ތަޅައިގެން އޭގައި ހުންނަ ދާފިލުވަނީއެވެ. ދެތިން ދުވަހުލޮނުގަނޑުގައި މިގޮތަށް ބޭއްވުމުން، ދާފިލުވަން ފަސޭވަގެން ދެއެވެ. އަދި އެއަށްފަހު ސާފު ފެނުން ފެންލައި މަދިރިގެ، އަވީގައި ލައި ރަނގަޅަށް ހިއްކައެވެ. މިގޮތަށް އަހަރަކު އެއްފަހަރު މަދިރިގެއާއި އެނދުތަކާއި، އަށިތަކާއި، ގޮނޑިމޭޒުފަދަ ތަކެތި ދޮވެ ސާފުކުރެ އެވެ. ގިނަ ގެތަކުގައި ބޭނުންކުރާ އުނދޯއްޔާއި، އެނދުތަކާއި ސަރަންފީ ގޮނޑި އަދި އަދަރާދަ ގޮނޑީގައި ހުންނަނީ ހިމަ ރޯނު ފުރާފަ އެވެ.

ބައެއް މީހުން ސަންދޯއްމާރަށް ނުވަތަ ސަންދޯކުގައި ރޯނުފުރާގޮތަށް ދުރުކޮށް، އަނެއްބައި މީހުން ނަލަމާރަށް ގާތުގާތުގައި ޖެހިޖެހިގެން ހުންނަގޮތަށް ހިމަ ރޯނުފުރަ އެވެ. ނަލަ މާރަށް ރޯނު ފުރުމުން، ބަލަން ރީތިވެފައި ގިނަ ރޯނު ބޭނުންކުރަން ޖެހި ޚަރަދުބޮޑެވެ. އަށިތައް ބަހައްޓާފައި ހުންނަނީ، ދެފޫޓަށް އުސްކޮށް ހަތަރު ފައިމަތީގަ އެވެ. އަށިތަކުގައި ހުންނަނީ، ފަޑިއަޅައި، މަޅުއަޅާފަ އެވެ. ފިރިހެނުން އަންނަ މުންޑު ނުވަތަ ފޮތިގަނޑު ދޮންނަނީވެސް މޫދުންނެވެ. މޫދުން ދޮވެގެން ފެނުން ފެންލައިގެން އަވީގައި އަޅައި ހިއްކައެވެ. ހިއްކަން އަޅާއިރު ވާންކޮށް ދަމާފައި ވެސް ބަހައްޓަ އެވެ. ބޭނުކަމީ، ރޫނުޖެހި ހިއްކުމެވެ. ބައެއް ފިރިހެނުން މޫދުން ފެންވެރުމަށްފަހު މިސްކިތު ވަޅުން ފެންވަރައިގެން މުންޑު އަވީގައި ހިކެންދެން ބާއްވައެވެ. މިގޮތަށް ކަންތައް ކުރާ ސަބަބަކީ، އަތުގައި އަންނައުނު ނެތުމެވެ. ބައެއް މީހުންގެ އަތުގައި ގިނަފަހަރު އޮންނަނީ އެންމެ މުންޑެކެވެ.

އަންނައުނު ލުމާއި، އައުރަ ނިވާކުރުން

undefined

ކުރީ ޒަމާނުގައި ފިރިހެނުން އަންނަން ބޭނުންކުރަނީ މުންޑު ނުވަތަ ކުލަޖައްސާފައިހުންނަ ފޮތިގަނޑެކެވެ. އަންނައުނަކީ މިހާރާއި ތަފާތުކޮށް އެހާ ގިނަ އެއްޗެއް ނޫނެވެ. ޢާއްމުކޮށް މީހެއްގެ އަތުގައި ގިނަވެގެން އޮންނަނީ ދެގަނޑެތި ނުވަތަ އެންމެ ދެހެދުމެވެ. އެއީ ހުކުރަށް ޚާއްސަކޮށްގެން ލާ ހެދުމަކާއި، އާދައިގެ ހެދުމެކެވެ. ހުކުރުހެދުން ބޭނުންކުރާނީ ހަމައެކަނި ހުކުރު ނަމާދަށެވެ. ނަމާދުން ނިމިގެން ގެއަށް އައިސް ވަގުތުން ގިނަ މީހުން އެ ހެދުން ބަދަލުކުރެ އެވެ. ހުކުރު ދުވަހަކީ، ގިނަ ގޭގައި ފާތިޙާ ޞަލަވާތްފަދަ ކަންކަމަށް ކައްކާ ދުވަސްދުވަހެކެވެ.

ގަންޖުފަރާސް ނުވަަތަ ޓީޝާޓް ތަޢާފަރުވުމުގެ ކުރިން ގިނަ ބަޔަކު ބޭނުންކުރަމުން އައީ މުންޑާއި ފޮށައެވެ. އާއްމުކޮށް ފޮށާ ބޭނުންކުރަނީ، ބޮލުގައި އެޅުމާއި، ގައިގައި ލުމަށެވެ. ބައެއް މީހުން ފޮށާގެ ބަދަލުގައި ރުމާ ވެސް ބޮލުގައި އަޅައެވެ. ހަރުވާޅުބުރި ނުވަތަ ސޯޓު ތަޢާރަފުވީ ވަރަށް ފަހުން ނެވެ. 1960 ގެ އަހަރުތަކާއި ހަމަޔަށް މީހުނާއި، ނުއިނދެ ތިބޭ އަންހެނުން ނިވާކުރަނީ ހަމައެކަނި ފޫޅުން ތިރި އެކަނި އެވެ. އެދުވަސްވަރުގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަލާއިރު މިއީ އެޒަމާނުގައި އެހާ އައިބު ކަމެއް ވެސް ނޫނެވެ. ތާރީޚުން އެނގޭ ގޮތުގައި ރެހެންދި ޚަދީޖާގެ ރަނިކަމުގައި އެކަމަނާއާއި، އެކަމަނާގެ (އަންހެން) ހަށިފާރަވެރީންގެ ހެދުން އެޅުމުގެ ވައްޓަފާޅި ހުރީ މިކަހަލަގޮތަކަށްކަން އިބްނިބަޠޫޠާގެ ލިޔުއްވުންތަކުން އެނގިގެންދެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ