
އެގްރިކަލްޗަރ މިނިސްޓްރީގެ ހިންގެވުން ވަގުތީގޮތުން ޑިފެންސް މިނިސްޓަރާއި ޙަވާލުކުރައްވައިފި
Screenshot 2023-12-02 at 22.33.38
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ހިންގެވުން ވަގުތީގޮތުން މިނިސްޓަރ އޮފް ޑިފެންސް މުޙައްމަދު ޣައްސާން މައުމޫނާ ޙަވާލުކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ހިންގެވުން މިނިސްޓަރ އޮފް ޑިފެންސް އާ ޙަވާލުކުރައްވާފައި މިވަނީ، މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑޮކްޓަރ ޢާއިޝަތު ރަމީލާ، 2023 ނޮވެމްބަރު 23 ގައި ޗުއްޓީއެއްގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައިވާތީ، އެ ކަމަނާ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަންނަވަންދެންނެވެ.
މިނިސްޓަރު ރަމީލާ ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށެވެ.
ރަމީލާ ފޭސްބުކްގައި މީގެ ދެދުވަސްކުރިން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާ ކެންސަރަށް ޑައިގްނޯސްވުމާ ގުޅިގެން ކީމޯ އާއި ރޭޑިއޭޝަން ތެރަޕީ ނެގުމަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށެވެ. އަދި ބަލި ޖެހިފައިވާކަން އެނގުނީ ކެންސަރުގެ އެންމެ ފަހު ސްޓޭޖުގައި ހުއްޓާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަރަށް ބަރު ހިތަކާ އެކު މި ވަގުތަށް އެންމެންނާ މި ވަކިވަނީ. ﷲގެ އިރާދަފުޅާ އެކު އަލުން ބައްދަލުވާނެ،" ރަމީލާގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
ނަމަވެސް، އެއީ ކެންސަރުގެ ކޮން ބާވަތެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ. އޭނާ ފަރުވާ އަށް ވަޑައިގަންނަވަނީ އިންޑިއާ އަށެވެ.