logoEN
cocacola
ހުވަދު އަތޮޅުގެ ކުރީޒަމާނުގެ ބައެއް އާދަކާދަ 1

ހުވަދު އަތޮޅުގެ ކުރީޒަމާނުގެ ބައެއް އާދަކާދަ 1

# އާދަކާދަ، ހުވަދު އަތޮޅު

early-maldives

ދުނިޔޭގެ ނިސްބަތުން އެންމެ ބޮޑު އަތޮޅުތަކުގެ ތެރޭގައި ހުވަދު އަތޮޅު ހިމެނިގެން ދެއެވެ. ޤުދުރަތީގޮތުން އުފެދުމުގައި އެއް އަތޮޅުގެ ގޮތުގައި އުފެދިފައި ވީނަމަވެސް، އިދާރީގޮތުން ހިންގުމަށް ފަސޭހަޔަކަށް، ހުވަދު އަތޮޅު ވަނީ ދެ އަތޮޅަކަށް ބަހާލެވިފައެވެ. ހުވަދު އަތޮޅަކީ ދިވެހިރާއްޖޭގެ ނިސްބަތުން ރަށްތައް އެންމެ ގިނަ އެއް އަތޮޅެވެ. އަދި ކުރީ ޒަމާނަށް ބަލާއިރު ހުވަދު އަތޮޅުގެ ގިނަ އަދަދެއްގެ ރަށެއްގައި މީހުން ދިރިއުޅުނުކަން ތާރީޚުން އެނގެއެވެ.

ގޮސިޔާ

ކުރީ ޒަމާނަށް ބަލާއިރު، ރަށްރަށުގެ މަލަ ދުރުން ފެންނައިރު، ގަސްބޯ ޖަންގަޔެއްގެ ގޮތުގައި ރަށްތައް ސިފަވެގެން ދެއެވެ. އަތިރިމަތިން މަދު އޮޑި ހަރުގެއެއްގެ އަސަރު ބައެއް ރަށްރަށުގެ މަލަމަތިން ފެނުނު ނަމަވެސް، އެއްވެސް އިމާރާތެއްގެ ނިޝާނެއްވެސް، މަލަ ފެންނައިރު މީހުން ދިރިއުޅޭ ރަށްރަށުން ނުފެނެއެވެ. ބައެއް ރަށް ރަށުގެ ފަޅުތެރެއިން ދެތިން ބައްތެލި އަޅާފައި އޮންނަތަން ފެނެއެވެ. އަދި އަތިރިމައްޗާއި ކައިރިން ގިނަ އަދަދެއްގެ ކުދި ބޮއްކުރާތައް އަޅާފައި ވާތަން ކައިރިވުމުން ފެނިގެން ދެއެވެ.

މީހުން ދިރިއުޅޭ ގިނަ ރަށްރަށުގެ މަގުތައް ހަނިވެފައި، މަގުތައް މަދެވެ. ނަމަވެސް ރަށްތަކުގެ ޤުދުރަތީ ވެށި ފުރިހަމަވެފައި ދިރިއުޅެން ހިތްގައިމެވެ. ރަށްރަށުގެ މަގުތަކުގެ ދެފަރާތުގައިވެސް ހިޔާދޭ ބޮޑެތި ގަސްގަހާގެހި ހެދިފައި ހުރެއެވެ. ދިވެހި ރުއްތައް ހުރިހާ ރަށެއްގައިވެސް ގިނައިން ހެދިފައި ހުރެއެވެ.

މީގެ އިތުރުން ހެދިފައިވާ ގަސްގަހާގެއްސަށް ބަލާއިރު، މައިގަނޑު ގޮތެއްގައި ފެންނަ ގަސްތަކަކީ، ހިރުނދު، މިދިލި، ދިއްގާ، ފުނަ، ކާނި، ބަނބުކެޔޮ، ނިކަ، ދަނބު، ކުރެދި ފަދަ ގަސްތަކެވެ. ވުމާއެކު މުޅިރަށް އެކީގައި ކަހަލަ ގޮތަކަށް އޮންނަނީ ހިޔާވެފަ އެވެ. ގިނަ ރަށްރަށުގައި މީހުން ދިރިއުޅެނީ، ފީނި ފީންޏަށް ނުވަތަ ވަރަށްކުޑަކުޑަ ބިންކޮޅެއްއްގައެވެ. ގިނަ ރަށްރަށުގެ ބިމުގެ ބޮޑުބައި އޮންނަނީ ގަސްގަހާގެހީން ފުރިފަ އެވެ. ގަސްގަހާގެހީން މުއްސަނދިވެފައިވާ މި ރަށްތައް ދުރުން ފެންނާނީ ޖަންގައްޔެއް ކަހަލަ ގޮތަކަށެވެ. ގެދޮރު ބިނާކުރުމާއި، އޮޑި ދޯނި ފަހަރު ބަންނަން ބޭނުންކުރަމުން އައިސްފައިވަނީ، އެރަށަކުން ކަނޑާލެވޭ ލަކުނޑިންނެވެ. ގޭގޭގެ މަތިވަނޑާން ގަނޑު ހަދައި ބެރި އަޅަނީ ވެސް ރުއްލަކުޑިއާއި، ގަސް ލަކުޑީންނެވެ.

އެދުވަސްވަރުގެ ހުވަދު އަތޮޅުގެ ރައްޔިތުން ދިރިއުޅެމުން އައި ވައްޓަފާޅިއަށް ބަލާއިރު، އަތިރިމައްޗަށް ކުނި އުކުމުގެ އާދައެއް ގިނަ ބަޔަކު ގެންގުޅުނެވެ. ހުވަދު އަތޮޅަކީ މަސްވެރި އަތޮޅަކަށް ވުމުން، މަސްކަނޑައި މަސްކައްޓާއި ކަރު ގޮހުރު އުކާފައި ހުންނަނީ އަތިރިމައްޗަށެވެ. ރަނގަޅަށް މަސްބާނާ ދުވަސްވަރެއްގައި މުޅި އަތިރިމަތި ކުނިވާ ކަރުގޮހުރުން ފުރިގެން ދެއެވެ. އެދުވަސްވަރަކީ، މީހުން އެހާ ހޭލުންތެރި ދުވަސްވަރަކަށް ނުވުމުން މިފަދަ ކުނިބުނި ނައްތާލާނެ މާބޮޑު ގޮތްތަކެއް ނޭނގެއެވެ. މަދިރި އުފެދޭ ތަންތަން ވެސް ގިނައަދަދަކަށް ހުރެފައި، މަދިރީގެ ނުރައްކާ ބޮޑުވެފައި ވެއެވެ. ކުނިގޮނޑާއި، ފެންފެންގަނޑަކީ ބަލިމަޑުކަން ފަތުރައިދޭ މަދިރި ފަދަ ޒާތްޒާތުގެ ފަނިފަކުސާ އާލާވާ ތަންތަންކަން އެނގެން ފެށީ 1940 އަހަރުތަކުގައެވެ. މިފަދަ ކަންކަމަށް އެދެވޭ ޙައްލެއް އައިސްފައިވަނީ 1980 ގެ އަހަރުތަކުގަ އެވެ.

ގޯތި ގެދޮރުގެ ސާފުތާހިރުކަން

ކުރީ ޒަމާނުގެ ހުވަދު އަތޮޅުގެ އަންހެނުންނަކީ ހީވާގި މުރާލި ބަޔެކެވެ. ގޯތިގެދޮރު ސާފުތާހިރުކޮށް ބެލެހެއްޓުމުގެ ޒިންމާ އުފުލާ ފަރާތަކީ ގޭގައި ދިރިއުޅޭ އަންހެނުންނެވެ. ނަމަވެސް ސާފުކުރުމުގައި އަންހެންވެރިންނަށް ކުރުމަށް ދަތި އުދަނގޫ ކަންކަމުގައި ފިރިހެނުން އެހީތެރިވެދެއެވެ. ގެއާއި ގޯތިތެރެ ދުވާލަކު ދެފަހަރު ކުނިކަހައި އަންހެންވެރިން ސާފުކުރެއެވެ.

undefined

އެންމެންގެ ދުވާލުގެ ޝެޑިއުލް ފެށިގެންދަނީ ފަތިސް ނަމާދުންނެވެ. އަންހެންވެރިން ފަތިހު ދެތުވެ ނަމާދުކޮށް އަވަދިވެގެން ފުރަތަމަ ދާނީ އަތިރިމައްޗަށެވެ. އަތިރިމައްޗަށްދާއިރު މުޅޯއްޓެއް ނުވަތަ ވަށިގަނޑެއް ހުރިހާ އަންހެންވެރިންވެސް ގެންދާނެވެ. އަދި ނިމިގެން ގެއަށް އަންނައިރު، ގެންދިޔަ މުޅޯށި ނުވަތަ ވަށިގަނޑު ފުރެންދެން ކަށިވެލި ގެންނާނެއެވެ. އަދި ގިނަފަހަރު އަނބުރާ ގެއަށް ދާއިރު، ދަތްއުނގުޅަން ވަކިން ލޮނުދޮންވެލި ވެސް ގެންދެއެވެ. ގިނަ މީހުން ދަތް އުނގުޅައި ހަދަނީ އަތިރިމައްޗަށް ގޮސް، ރާޅުޖަހާ ހިސާބުގައި ހުންނަ ހިމުން ދޮންވެލި ނަގައި އެދޮންވެލިންނެވެ. މިގޮތުން ދަތް އުނގުޅައި ނިމިގެން އަނގަ ދޮވެ އަނގައިގައި ހުންނަ ވެލިތައް ސާފުކޮށް ކޯ ދޮންނަނީ މޫދަށް އެރި މޫދު ލޮނުންނެވެ.

undefined

ބައެއް މީހުން ގޭދޮށަށް އައިސް ވެސް ދަތް އުނގުޅައެވެ. ދަތް އުނގުޅަން އަމަލުކުރާ ގޮތަކީ، ކަނާތުގެ ޝަހާދަތް އިނގިލީގައި ވެލި ހާކައި، އިނގިލީންނެވެ. އަދި ބައެއް މީހުން ދަތް އުނގުޅަމުންވެސް ގެއަށް އާދެއެވެ. ދަތް އުނގުޅާއިރު، އިލޮށިގަނޑަކުން ދަތްތައް ރަނގަޅަށް ސާފުކުރެ އެވެ. އަންހެންވެރީން ގެއަށް އައިސް ގޭގެ ކުރިމަތީގެ މަގުމައްޗާއި، ގޯތިތެރެ ކުނިކަހައި ސާފުކުރެއެވެ. މަގުމަތީގައި އަދި ގޭ ދޮރުމަތީގައި ފަޅާފައި ހުންނަ ކުދި ގަސްތައް ނުވަތަ ވިނަތައް ނޮޅައި، މަށަން ދަތި އަޅައި، ބިންގަނޑު އެއްވަރުކޮށް ހަދާނެއެވެ. ހެނދުނު ގޭ މީހުން ނިދާ ހޭލުމުން، ދެން ފަށަނީ، އަށި، އެނދުތަކުގެ ތަންމަތި ފޮޅައި، ސާފުކޮށް ތަންމަތި އަވީލާށެވެ. މަދުވެގެން ހަފުތާއަކު ދެފަހަރު އެތަކެތި އަވީލާނެއެވެ. ކުނިކަހައި އެއްތަނަކަށް ކުނި ޖަމާކޮށް މުޅޯއްޓަކަށް ނުވަތަ ވަށިގަނޑަކަށް އަޅައި ހެނދުނު ނުވަތަ ހަވީރު ގެންގޮސް ކުނި އުކާލަނީ އަތިރިމައްޗަށް ނުވަތަ ގޮނޑުދޮށަށެވެ. ބައެއް މީހުން ހަވީރުވެސް ކުނިކަހައެވެ. ކުނިކަހަން ބޭނުންކުރަނީ، އިލޮށިފައްޗާއި، މަށަން ދައްޗެވެ. އެތަކެއްޗަކީވެސް އަމިއްލައަށް އެމީހުން ތައްޔާރުކުރާ ތަކެއްޗެވެ. އިލޮށި މަށައި އިލޮށިފަތި ތައްޔާރުކުރަނީ އަންހެނުންނާއި، އަންހެން ފިރިހެން ކުދީންނެވެ. މަށަންދަތި ހަދަނީ ފިރިހެނުންނެވެ. އަގު ދިނުމުން އެކަން ކުރާ މީހުން ވެސް ތިބެއެވެ. ގެއާއި، ބަދިގޭގައި ބޭނުންކުރާ ގެވެހި ކަންވާރުތަކާއި، ތަކެތި ދޭތެރެ ދޭތެރެއިން ދޮވެ ސާފުކުރެއެވެ. ބައެއް މީހުން ތެލިތަށި، ސަމްސާ ދޮންނަން ގެންދަނީ އަތިރިމައްޗަށެވެ. ދޮންވެލި ލައިގެންނާއި، ލުއި ގާ އުނގުޅައިގެން ތެލީގެ ދެފުށް އުނގުޅައި ސާފުކުރަނީ އަތިރިމަތީގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ