
Nasheed
ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އައްޔަންކުރައްވައިފިއެވެ.

މިމަޤާމަށް އައްޔަންކުރެއްވުމުން ރައީސް ނަޝީދު، އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އެމަނިކުފާނަށް އިތުބާރު ކުރައްވާ އެމަޤާމަށް އައްޔަން ކުރެއްވީތީ ސީވީއެފްގެ ޗެއަރކަން ކުރައްވާ ގާނާގެ ރައީސް ނާނާ އަކޫފޯއަށް ޝުކުރުއަދާ ކުރައްވާފައެވެ.
އަދި ސީވީއެފްގެ ރައީސް، ބާބޭޑޯސްގެ ބޮޑުވަޒީރު މިއާ އަމޯރް މޮޓްލޭއާއެކު ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން އެމަނިކުފާނަށް ވެވަޑައިގެންނެވުނު އެންމެ ރަނގަޅަކަށް މަސައްކަތް ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގައި 58 މެންބަރު ޤައުމު އޮވެއެވެ. ސީވީއެފް އުފެދުނީ 2009 ވަނަ އަހަރުއެވެ. އަދި މިޖަމިއްޔާގެ އެންމެ ފުރަތަމަ ފޯރަމް ބާއްވާފައިވަނީ އެއަހަރުގެ ނޮވެންބަރުމަހުގެ ރާއްޖޭގައެވެ.