
ފަސޭހަކަމާއި އެކު އާޖެންޓީނާ ބަލިކޮށް މުބާރާތުގެ ތިންވަނަ މާލީއަށް
IMG_20231201_210318
އިންޑޮނޭޝިޔާގައި މިހާރު ކުރިއަށްދާ 17 އަހަރުން ދަށުގެ ފިރިހެން ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި 3-0 ގެ ނަތީޖާއަކުން ވަރުގަދަ އާޖެންޓީނާ ބަލިކޮށް މުބާރާތުގެ ތިންވަނަ މާލީ އިން ހޯދައިފިއެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ބްރެޒިލް ބަލިކުރި އާޖެންޓީނާ ސެމީ ފައިނަލުގައި ޖަރުމަނު އަތުން ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ. އަދި މުޅި މުބާރާތުގައި ވެސް މޮޅު ކުޅުމެއް ދެއްކި މާލީ ސެމީ ފައިނަލުގައި ފުރާންސް އަތުން ބަލިވީ ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުންނެވެ. އަދި އެމެޗުގެ ފަހު 35 މިނެޓު އެޓީމުން ފުރިހަމަކުރީ އެއްކުޅުތެރިއަކު މަދުކޮށެވެ.
މިއަދު ހަވީރު ކުޅެވުނު މިމެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ މެޗު ޑޮމިނޭޓުކުރީ މާލީ އިންނެވެ. އަދި މިހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ރަގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މެޗުގެ 9 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް ޑިއާރާ އެވެ. މިއީ މި މުބާރާތުގައި އެޓީމު އެންމެ ފަހުން ކުޅުނު ފަސް މެޗުގައި އޭނާ ކާމިޔާބުކުރި ފަސްވަނަ ލަނޑެވެ.
ފުރަތަަމަ ހާފު ނިމުމުގެ ކުރިން އެޓީމުގެ ލީޑް ފުޅާކޮށްދިނީ އެޓީމުގެ ފޯވާޑް މާމަޑޫ ޑުމްބިއާ އެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން މާލީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ވެސް މޮޅަށް ކުޅެ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކުރީ މާލީ އިންނެވެ. އެގޮތުން މިހާފުގައި އެޓީމުން ވަނީ އާޖެންޓީނާގެ ގޯލަށް 22 ހަމަލާއެއް ފޮނުވާލާފައެވެ. ނަމަވެސް މިހާފުގައި އެޓީމަށް ކާމިޔާބު ކުރެވުނީ އެންމެ ލަނޑެކެވެ.
މިލަނޑު ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފިލްޑަރު ޙަމީދު މަކަލޫ އެވެ. މިއީ އެޓީމުގެ އިބްރާހިމް ޑިއާރާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މިލަނޑަށްފަހު އެޓީމުން ފޮނުވާލި ގިނަ ހަމަލާތަކެއްގެ ހުރަހަކަށްވީ މިމެޗުގައި މޮޅު ކުޅުމެއް ދެއްކި އާޖެންޓީނާ ގޯލްކީޕަރު ޖެރަމިއަސް ފްލޮރެންޓީން އެވެ. އޭނާގެ ފަރާތުން މިމެޗުގައި 9 ސޭވް ފެނިގެންދިޔަ އިރު، މާލީގެ ދެ ހަމަލާއެއް ވަނީ ގޯލުގެ ދަނޑިއަށް ވެސް އަމާޒުވެފައެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން މާލީ ކުރީގައި އޮވެގެންނެވެ.
މިމުބާރާތުގެ ފައިނަލްމެޗްގައި މާދަމާ ހަވީރު ރާއްޖެ ގަޑިން 17:00 ގައި ފުރާންސް ނުކުންނާނީ ޖަރުމަނާއި ދެކޮޅަށެވެ.