
އަޅުގަނޑުމެންގެ އަމާޒަކީ މަސްވެރިންގެ އަޑު ގާތުން އަހައިގެން ޖުމްލަ ހައްލަށް މަސައްކަތްކުރުން - މިނިސްޓަރ
Dr Mohamed Muizzu, Ahmed Shiyam
މި ސަރުކާރުގެ އަމާޒަކީ މަސްވެރިންގެ ކަންބޮޑުވުން މަސްވެރިންގެ ގާތުން އަހައިގެން ޖުމްލަ ހައްލަކަށް މަސައްކަތް ކުރުން ކަމުގައި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް، ކަމުގެ މަގާމަށް އަލްފާޟިލް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝިޔާމް މިހެން ވިދާޅުވީ، އެމަނިކުފާނަށް އެޑްރެސްކޮށް މަސްވެރިޔަކު ލިޔެފައިވާ ސިޓީއެއް މީސްމީޑިއާގައި ވައިރަލްވުމާއި ގުޅިގެން އެމަސްވެރިޔާއަށް ގުޅުއްވައި ހުރި ކަންބޮޑުވުންތަކާއި ދަތިތަކަށް ހައްލެއް ހޯދުމަށް މިސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކޮށް އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
މަސްވެރިންގެ ފަރާތުން މަސްވެރި އާއިލާތަކުގެ އުދާސްތައް ބަޔާންކޮށް ޖިނާހް ލިޔެފައިވާ ސިޓީގައި ވަނީ، ނިމިދިޔަ ރިޔާސީ އިންތިޚާބުގައި މަސްވެރިންނާ ގުޅޭގޮތުން ދައްކާފައިވާ ވާހަކަފުޅުތަކާއި، ވެވަޑައިގެންފައިވާ ވަޢުދުތައް ހަނދާން ކޮށްދެމުން ވަނީ، މަސްވެރިން ތިބީ އަނގަޔާ އަތާ ދިމާނުވެ ކަން ފާހަގަކޮށްފައެވެ.
އަޅުގަނޑުމެން މަސްވެރިން މި ތިބެނީ އަނގަޔާ އަތާ ދިމާނުވެއެވެ. ކުދިންގެ ޓިއުޝަންފީ އަދި އިންޓަރަވަލް، ޤުރުއާން ކުލާސްތަކުގެ ފީ، ބިލްތައް ނުދެއްކިފައެވެ. ނަމަވެސް މަނިކުފާނަށް ދަޢުލަތުގެ ހަޒާނާއިން ދަނީ ހުރިހާ އިނާޔަތެއްވެސް ލިބެމުންނެވެ. - މިނިސްޓަރ ޝިޔާމްއަށް އެޑްރެސްކޮށް މަސްވެރިޔާ ލިޔެފައިވާ ސިޓީގައި ބުނެފައިވެއެވެ.
އެ ސިޓީއާ ގުޅިގެން މިނިސްޓަރ ކުރެއްވި ޕޯސްޓުގައި ވަނީ، މީސް މީޑިއާގައި ޖިނާހް (ޖިނާއްޕެ) ފާޅުކުރެއްވި ކަންބޮޑުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒުވެސް މިވަގުތު އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދެއްވައިގެން ވަރަށް އަވަސް ހައްލެއް ހޯއްދަވަން މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަންބޮޑުވުމެއްކަމަށް ވިދާޅުވެފައެވެ.
ވަރަށް އުފާކޮށްފިން މީސްމީޑިޔާ މެދުވެރިކުރައްވާ އެތައް މަސްވެރިއެއްގެ ޙައްޤުގައި އަޑުއުފުއްލެވީތީ. އަޅުގަނޑުމެންނަކީ އިރާދަކުރެްވިއްޔާ ދައްކާ ވާހަކަ ހަނދާންނައްތާލާނެ ބައެއްނޫންކަން ޔަޤީންކަން އަރުވަން. މަސްވެރި ސިނާޢަތުގައި ހުރި ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ރައީސް ޑރ.މުއިއްޒުގެ ސަރުކާރުގައި އަޅުގަނޑުމެން ލަސްތަކެއްނުވެ ހޯދާނަން إن شاءالله. ޖިނައްޕެއަށް ގުޅާލުމުން ހިއްސާކުރެއްވި ވާހަކަފުޅަކީ މުހިއްމު ވާހަކަފުޅެއް އަދި އެކަމަށް ނިމުމެއް ގެނެވޭނެ. - މިނިސްޓަރ ޝިޔާމް ވިދާޅުވިއެވެ.
ގިނަ ކަންކަމަކީ ވާހަކަ ދައްކައިގެން ހައްލު ހޯދޭނެ ކަންކަން ކަމުގައި ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ،މިސަރުކާރުގެ އަމާޒަކީ މަސްވެރިންގެ އަޑު ގާތުން އަހައިގެން އެކަންކަމަށް ޖުމްލަ ހައްލެއް ހޯދުމަށް މަސައްކަތް ކުރުން ކަމަށެވެ.




