
ޣައްޒާގައި ހަނގުރާމަ ކުރިއަށް ގެންދިއުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް - އިސްރާއީލު
Palestine
ޣައްޒާގައި ހިންގާ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމުގައި އިސްރާއީލުގެ ވަޒީރުންގެ މަޖިލީހުގެ މެމްބަރު އަދި ހަނގުރާމައިގެ ކެބިނެޓްގެ މެމްބަރެއް ކަމަށްވާ ބެނީ ގަންޓްޒް ބުނެފިއެވެ.

ސޯޝަލްމީޑިއާ ޕްލެޓްފޯމް އެކްސްގައި އޭނާ ބުނީ، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެންއާއެކު އިއްޔެ ބޭއްވި އިސްރާއީލުގެ ހަނގުރާމައިގެ ކެބިނެޓް ބައްދަލުވުމުގައި ޣައްޒާގައި އިސްރާއީލުގެ އަސްކަރިއްޔާއިން ހިންގަމުންދާ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަކީ ކޮންމެހެން ބޭނުންތެރި އަދި މުހިންމު ކަމެއްކަން ބްލިންކެން ކައިރީގައި ބުނެފައިވާ ކަމަށެވެ.
އެގޮތުން އިސްރާއީލުގެ ސަލާމަތާއި މުޅި ސަރަހައްދުގެ ހަމަޖެހުމަށްޓަކައި އިސްރާއީލުން އޮޕަރޭޝަނަލް މިޝަން ފުރިހަމަކޮށް، ހަމާސް ޖަމާއަތާއި ޣައްޒާގައި ހަމާސްގެ ވެރިކަން ނައްތާލަންޖެހޭ ކަމަށް ބްލިންކެން ކައިރީގައި ބުނެފައިވާ ކަމަށްވެސް އެކްސްގައި ކުރި ޕޯސްޓުގައި ގަންޓްޒް ބުނެފައިވެއެވެ.
އޭނާ ވަނީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ އޮޕަރޭޝަނަށް އެމެރިކާއިން ދެމުންގެންދާ އެއްބާރުލުމަށް ޝުކުރު އަދާކޮކޮށްފައެވެ.
ޔަހޫދީ އިސްރާއީލުން ހަމާސް ޖަމާއަތާ ދެކޮޅަށް ކަމަށް ބުނެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކަށް 56 ދުވަސް ވެފައިވާއިރު މިހާތަނަށް 15،000 އަށްވުރެ ގިނަ ފަލަސްތީނުގެ އާންމު ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި 6،150 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.
އަދި ޔަހޫދީންގެ ހަމަލާތަކުގައި ހަލާކުވެފައިވާ އިމާރާތްތަކުގެ ދަށުގައި (ތާށިވެފައި ނުވަތަ ޝަހީދުވެފައި) 7،000 އަށްވުރެ ގިނަ މީހުން ތިބި ކަމަށް ޣައްޒާގައި ހުންނަ ފަލަސްތީނުގެ ސިއްހަތާބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ. އައި އޭގެ ތެރޭގައި 4،000 އެއްހާ ކުޑަކުދިން ހިމެނޭ ކަމަށްވެސް އެވުޒާރާއިން ބުނެފައިވެއެވެ.