
big_himOJ72Sg0UizJWDYRB2amNBz
ހުޅުމާލޭގައި ހަދަމުން އަންނަ ކޭޕާކް ފްލެޓްތަކުގެ މައްސަލައިގައި އެ މަސައްކަތް ކުރާ ކޮރެއާގެ ހަންބޯ ޓެކް ކުންފުނީގެ ރާއްޖޭގެ އެޖެންޓްގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)ގެ މައްޗަށް 225 ދައވާ ކުރާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ފްލެޓް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ ފައިސާ ނެގި ކަމުގެ ތުހުމަތުގައި މަންޑޭ ހައްޔަރު ކުރުމަށްފަހު މިހާރު ދޫކޮށްލާފައި ވިޔަސް މަންޑޭގެ އަގުބޮޑު އެޕާޓްމެންޓާއި އަގުހުރި ސާމާނުތައް ފުލުހުން މިހާރު ހިފަހައްޓައިފަ އެވެ.
އެގޮތުން މިއަދު ޕީޖީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ މި މައްސަލައާއި ގުޅޭ ވަރަށް ގިނަ މައުލޫމާތު ހިއްސާކޮށްފައި އެވެ. އެގޮތުން ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ މިމައްސަލާގައި މިހާތަނަށް ލިބިފައި ހުރި ހެކިތަކަށް ބަލާއިރު 225 ދައުވާ މަންޑޭގެ މައްޗަށް ކުރެވޭނެ ކަމަށެވެ. މިމައްސަލައިގައި މަންޑޭގެ މައްޗަށް ހަތަރު ތުހުމަތެއް ކުރާ ކަމަށް ޝަމީމް ވިދާޅުވި އެވެ. އެއީ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާއާއި އޮޅުވާލުމުގެ ކުށުގެ ދައުވާއާއި ޓެކުމުގެ ކުށުގެ ދައުވާގެ އިތުރުން މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ.
ޕީޖީން ބުނެފައިވަނީ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކޭ-ޕާކް ރެޒިޑެންސްގެ ނަމުގައި ހުޅުމާލޭގައި އިމާރާތްކުރަމުންދާ އިމާރާތުގެ އެޕާރޓްމަންޓްތަކެއް އޮޅުވާލާއިގެން އާއްމު ފަރާތްތަކަށް ވިއްކާ، ބައެއް މީހުންގެ އަތުން ނަގުދު ފައިސާއާއި، އަގު ބޮޑެތި މުދަލާއި އަދި އޮޅުވާލައިގެން ހުޅުވި އެކައުންޓަށް ގިނަ އަދަދެއްގެ މީހުންގެ ފައިސާ ޖަމާކުރާގޮތަށް ހަމަޖައްސައި، އެގޮތުގެ މަތިން ފައިސާ ޖަމާކޮށްފައިވާ ކަމަށެވެ.
ބައެއް އެޕާރޓްމަންޓްތައް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކައިފައިވާ ކަމަށާއި، އެއް އެޕާޓްމަންޓަކާ ގުޅިގެން ތަފާތު މީހުންނާ އެކު އެއް ފަހަރަށްވުރެ ގިނައިންވެސް އެއްބަސްވުމުގައި ސޮއިކޮށް، ފައިސާ ހޯދާފައިވާ ކަންވެސް ޕީޖީ ފާހަގަކުރެއްވި އެވެ. އެގޮތުން ޖުމްލަ 41 އެޕާޓްމަންޓް ޖުމްލަ 107 މީހަކަށް ވިއްކާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެއެވެ. މިއާއި އެކު އެއިން ކޮންމެ މީހެއްގެ މައްސަލަވެސް ކުރިޔަށް ގެންދާނީ ވަކިން ކަން ޕީޖީ ފާހަގަކުރެއްވި އެވެ.
ހުޅުމާލޭ ކޯޓުގެ އަމުރެއްގެ ދަށުން މަންޑޭގެ މުދާތައް މީގެ ކުރިން ވަނީ ހިފަހައްޓާފަ އެވެ. ހިފަހައްޓާފައި ވަނީ، އަސްލު އޮޅުވާލާފައިވާ ލިޔެކިޔުން ބޭނުންކޮށްގެން ހުޅުވާފައިވާ އެކައުންޓަކަށް، އެޕާޓްމެންޓު ވިއްކުމުގެ ނަމުގައި ޖަމާކުރި ފައިސާއިން ގަނެފައިވާ މުދަލެވެ. އޭގެ ތެރޭގައި ހުޅުމާލޭ އެފްޑަބްލިޔު ރެސިޑެންސް އިން މަންޑޭ ގަނެފައިވާ ހަތް މިލިއަން ރުފިޔާގެ ޕެންޓް ހައުސް އާއި، އަގު ބޮޑު ގަހަނާ އާއި އަންނައުނާއި ބްރޭންޑެޑް އަތްދަބަސް ފަދަ ތަކެތި ހިމެނެ އެވެ.