logoEN
Sto top
ރޮޑްރީގޯގެ ދެލަނޑާއެކު، ކާޑިޒް އަތުން ރެއާލް މެޑްރިޑަށް ފަސޭހަ މޮޅެއް

ރޮޑްރީގޯގެ ދެލަނޑާއެކު، ކާޑިޒް އަތުން ރެއާލް މެޑްރިޑަށް ފަސޭހަ މޮޅެއް

ހަސަން ޝަމްއޫން

logo

11/27/2023, 8:43:34 AM

IMG_20231127_084238

ސްޕެނިޝް ލަލީގާގައި އާދިއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި 3-0 ގެ ނަތީޖާއަކުން ކާޑިޒް އަތުން މޮޅުވެ ރެއާލް މެޑްރިޑުން ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

Wamco

އަނިޔާގެ ސަބަބުން މުހިންމު ގިނަ ކުޅުންތެރިންތަކަކާއި ނުލައި ކުޅުނު ރެއާލް މެޑްރިޑުން މިމެޗުގައި ލީޑު ހޯދީ ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް ރޮޑްރިގޯ އެވެ.

މިއީ ކާޑިޒްގެ ޕެނަލްޓީ އޭރިއާ ތެެރެއިން ލިބުނު ފުރުސަތެއްގައި ކައިރީގައި ތިބި ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ރެއާލް މެޑްރިޑުން އިތުރު ދެ ލަނޑު ކާމިޔާބުކުރި އިރު، އެޓީމުގެ ދެވަނަ ލަނޑު ފަހުހާފުގެ 64 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ރޮޑްރީގޯ އެވެ. މިއީ އެޓީމުގެ ތަޖުރިބާކާރު މިޑްފިލްޑަރު ލޫކާ މޮޑްރިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ރެއާލް މެޑްރިޑުން މިމެޗުގައި ކާމިޔާބުކުރި ތިންވަނަ ލަނޑު ދެވަނަ ހާފުގެ 74 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިގިރޭސި މިޑްފީލްޑަރު ބެލިންހަމް އެވެ. މިއީ ރޮޑްރީގޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިއީ މިސީޒަނުގައި ރެއާލް މެޑްރިޑާއި ގުޅުނު ފަހުން ލީގުގައި ކުޅުނު 12 މެޗުގައި އޭނާ ކާމިޔާބުކުރި 11 ވަނަ ލަނޑެވެ.

މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ. އަދި މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 14 މެޗުން ލިބުނު 35 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ އެއްވަނައިގައެވެ.

މިމެޗުން ބަލިވި ކާޑިޒް އިން ލީގުގައި ކުޅުނު 13 މެޗުން ލިބުނު 10 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 16 ވަނައިގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside