
އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ހުރިހާ ގައިދީން ދޫކޮށްލައިފި ނަމަ އަސީރުން ދޫކޮށްލަން ހަމާސް ތައްޔާރު!
breaking ބްރޭކިންގް
އަޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ހުރިހާ ރައްޔިތުން ދޫކޮށްލަން އެއްބަސްވެއްޖެ ނަމަ ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިޒްރޭލުގެ ހުރިހާ އަސީރުން ދޫކޮށްލާނެ ކަމަށް ހަމާސްއިން ބުނެފި އެވެ.

ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ މެމްބަރު ގާޒީ ހައްމާދު މިހާރު އަލްޖަޒީރާއަށް ދެއްވަމުން އަންނަ އިންޓަވިއުގައި ވިދާޅުވީ ހަމާސްއިން ތިބި ޔަހޫދީ އިޒްރާއީލާއި އެކު އަސީރުން ދޫކޮށްލުމާއި މެދު ފުޅާދާއިރާއެއްގައި މަޝްވަރާކޮށް ސުލްހަ ހޯދުމަށް ތައްޔާރަށް ކަމަށެވެ.
އޭނާ ވިދާޅުވީ ހަމާސްއަކީ ހަތަރު ދުވަހުގެ ހަނގުރާމައިގެ އެއްބަސްވުމަށް އިހްތިރާމްކުރާ ޖަމާއަތެއް ކަމަށާއި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ހުރިހާ ގައިދީން މިނިވަން ކުރުމުގެ ބަދަލުގައި ބަންދުގައި ތިބި ޔަހޫދީ އަސީރުން ދޫކޮށްލަން ތައްޔާރަށް އޮތް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ބައިނަލްއަގުވާމީ ޕާޓްނަރުންނާ ގުޅިގެން އެ ޖަމާއަތުން މިހާރު މަސައްކަތް ކުރަމުން ދަނީ ހަމަލާބަދަލުކުރުންތައް ހުއްޓާލަން އެއްބަސްވި މުއްދަތު އިތުރު ކުރުމަށެވެ.
"އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއް ދެނީ ރައްޔިތުންނާ ދެކޮޅަށް ހިންގާ ހަރުކަށި އަމަލުތައް ހުއްޓުވަން. އަޅުގަނޑުމެން ބޭނުންވަނީ ޣައްޒާގައި ހިންގާ މި ޖަރީމާ ހުއްޓުވަން،" އޭނާ ވިދާޅުވި އެވެ.
އިޒްރޭލާއި ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެމެދު ގާއިމުކުރި އެއްބަސްވުމާ އެއްގޮތަށް، ދެ ފަރާތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުން ބަދަލުކުރުމުގެ ދެ ވަނަ މަރުހަލާ ރޭ ވަނީ ނިންމާލައިފައެވެ. އެގޮތުން ހަމަލާތައް ބަދަލުކުރުން ހުއްޓާލައި ހުކުރު ދުވަހު ފުރަތަމަ ހަމާސް އިން މިނިވަންކުރީ 24 ރަހީނުންނެވެ. އެއީ އޮކްޓޫބަރު 7 ވަނަ ދުވަހު ހަމާސްގެ ހަނގުރާމަވެރިން އަތުލައިގެންފައިވާ 200 އަށް ވުރެ ގިނަ ރަހީނުންގެ ތެރެއިން، އިޒްރޭލުގެ 13 މީހަކާއި ތައިލޭންޑްގެ 10 މީހަކާއި ފިލިޕީންސްގެ މީހެކެވެ. އެ ދުވަހު އިޒްރޭލުން މިނިވަންކުރި ފަލަސްތީނުގެ 39 މީހުންގެ ތެރޭގައި ހިމެނެނީ 24 އަންހެނަކާއި 15 ކުޑަކުދިންނެވެ. އިޒްރޭލުން މިނިވަންކުރި 39 މީހުންގެ ތެރޭގައި މީގެ 10-12 އަހަރު ކުރިން ހައްޔަރުކޮށް ޖަލަށް ލާފައިވާ މީހުންނާއި މީގެ އަށެއްކަ މަސް ކުރިން ހައްޔަރުކުރި ކުދިން ވެސް ހިމެނެ އެވެ.
އަސީރުން މިނިވަންކުރުމުގެ ދެ ވަނަ މަރުހަލާގެ ދަށުން އިއްޔެވެސް އިޒްރޭލުން މިނިވަންކުރީ ފަލަސްތީނުގެ 39 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ ހަ އަންހެނަކާއި 33 ކުޑަކުދިންނެވެ. ދެ ވަނަ މަރުހަލާގައި ހަމާސް ޖަމާއަތުން މިނިވަންކުރީ އިޒްރޭލުގެ ހަ އަންހެނަކާއި ހަތް ކުޑަކުއްޖަކާއި ތައިލޭންޑްގެ ހަތަރު މީހެކެވެ.




