
ބީއެމްއެލް ރިވޯޑްސް ޕޮއިންޓް ބޭނުންކޮށްގެން ގިފްޓް ވައުޗަރާއި އެއަރލައިން މައިލްސް ލިބޭގޮތް ހަދައިފި
IMG_6154
ބޭންކް އޮފް މޯލްޑިވްސްގެ ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް ހާއްސަ ލޯޔަލްޓީ ޕްރޮގްރާމް "ބީއެމްއެލް ރިވޯޑްސް" އަށް ލޯކަލް ގިފްޓް ވައުޗަރ އަދި އެއަރލައިން މައިލްސް އެކްސްޗޭންޖް އިތުރުކޮށްފިއެވެ.

މި ބަދަލާއެކު ހޮޓެލް، ފްލައިޓް އަދި ގިފްޓް ކާޑުގެ އިތުރުން، ބީއެމްއެލް ރިވޯޑްސް ފޮއިންޓް ބޭނުންކޮށްގެން ކަސްޓަމަރުންނަށް ޤަޠަރު އެއަރވޭސް، އެއަރ އޭޝިއާ އަދި ސްރީލަންކަން އެއާލައިންސް ފަދަ އެކިއެކި އެއަރލައިންސްތަކުގެ ފްރީކުއެންޓް ފްލެޔަރ މައިލްސް ހޯދޭނެ ކަމަށް އެ ބޭންކުން ބުނެއެވެ. މީގެ އިތުރުން ރިވޯޑްސް ޕޮއިންޓް ބޭނުންކޮށްގެން މެންގޯ، އެޑިޑާސް، މިނީސޯ، ތައިވޮކް، ކޮކޯއަ ޓްރީސް، ހަމީދިއާ އަދި ސޮނީ ސްޕޯޓްސް ފަދަ ރާއްޖޭގެ ރީޓެއިލް ފިހާރަތަކުގެ ވައުޗަރވެސް މިހާރު ލިބޭނެއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ ބީއެމްއެލް ރިވޯޑްސް ޕްރޮގްރާމް އަށް ރިޑީމް ކުރެވޭ އައު ގޮތްތައް އިތުރުކޮށް، ކަސްޓަމަރުންނަށް ރިޑީމްކުރުމުގެ އިތުރު ފުރުސަތަކެއް ހޯދައިދެވުނުކަމީ އެ ބޭންކަށް ލިބޭ އުފަލެއް ކަމަށެވެ.
”އަޅުގަނޑުމެންގެ ލޯޔަލްޓީ ޕްރޮގްރާމަކީ ރާއްޖޭގައި މިގޮތަށް ކާމިޔާބުކަމާއެކު ހިނަގަމުންދާ އެންމެ ބޮޑު ޕްރޮގްރާމް. ފްލައިޓް، ހޮޓެލްސް، ގިފްޓް ކާޑުގެ އިތުރުން މިހާރު މިވަނީ އެއާލައިން މައިލްސް ރިޑީމް ކުރެވޭ ގޮތް ހަމަޖެހިފައި.“- ކާރލް ސްޓުމްކަ ވިދާޅުވިއެވެ.
އެމެރިކަން އެކްސްޕްރެސް، ވިސާ އަދި މާސްޓަރކާޑުގެ ކްރެޑިޓް ކާޑު ބޭނުންކުރާ އަމިއްލަ ފަރުދުންނަށް ބީއެމްއެލް ރިވޯޑްސް އަށް ރެޖިސްޓަރކުރެވޭނެއެވެ. ރެޖިސްޓަރ ކުރުމަށްފަހު ކްރެޑިޓް ކާޑު ބޭނުންކޮށްގެން ކަސްޓަމަރުން ކުރާ ވިޔަފާރިތަކަށް ޕޮއިންޓް ލިބޭނެއެވެ. މި ގޮތަށް ލިބޭ ޕޮއިންޓް ބޭނުންކޮށްގެން އެއާލައިންސް، ހޮޓެލްސް، ކާރު ކުއްޔަށް ނެގުމުގެ އިތުރުން އަލަށް އިތުރު ކުރެވުނު ރާއްޖޭގެ އެކި ބްރޭންޑް ތަކުގެ އިތުރުން އެމޭޒަން، ގޫގުލް ޕްލޭ، އެޕަލް ފަދަ ފާހަގަކޮށްލެވޭ ބްރޭންޑްތަކުގެ ގިފްޓް ކާޑުވެސް ހޯދުމުގެ ފުރުސަތު ލިބޭނެއެވެ.