
ހައްޔަރުކޮށްފައިވާ މީހުން ދޫކޮށްލުމަށް ހަމާސްއާއި އިސްރާއީލުން އަނެއްކާވެސް އެއްބަސްވެއްޖެ
2023-11-24T141340Z_738121807_RC2QJ4AC8RD3_RTRMADP_3_ISRAEL-PALESTINIANS-HOSTAGES-1700835884 copy
ހައްޔަރުކޮށްފައިވާ މީހުން ދޫކޮށްލުމަށް ހަމާސް ޖަމާއަތާއި އިސްރާއީލުން އަނެއްކާވެސް އެއްބަސްވެފައިވާ ކަަމަށް ގަތަރުން ބުނެފިއެވެ.

ގަތަރުގެ ޚާރިޖީ ވުޒާރާގެ ރަސްމީ ތަރުޖަމާނު ވިދާޅުވީ ފަލަސްތީނުގެ އާންމުންގެ 39 މީހަކާއި ޣައްޒާގައި ތިބި އިސްރާއީލުގެ 13 ގައިދީއަކު މީހަކު މިރޭ ދޫކޮށްލާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، ހައްޔަރުކޮށްފއިވާ މީހުން ދޫކޮށްލަން ދިމާވި ހުރަސްތައް ނައްތާލެވުނީ ގަތަރާއި މިސްރުގެ މެދުވެރިކަމުގެ ތެރެއިން ކަމަށެވެ.
ގަތަރާއި މިސްރުގެ މެދުވެރިކަމުގެ ދަށުން، އިސްރާއީލާއި ހަމާސް ޖަމާއަތާ ދެމެދު ވެފައިވާ އެއްބަސްވުމާއި އިސްރާއީލުން ޚިލާފުވެފައިވާ ކަމަށް ތުހުމަތުކޮށް ހަމާސް ޖަމާއަތުން މީގެ ކުރިން ވަނީ ގައިދީން ދޫކޮށްލުން މަޑުޖައްސާލާފައެވެ.
އެކަމާއި ގުޅިގެން އިސްރާއީލުން ވަނީ ގައިދީން މިރޭ 12 ޖަހާއިރު ދޫކޮށްނުލައިފިނަމަ ޣައްޒާއަށް އަލުން ހަމަލާދޭން ފަށާނެކަމުގެ އިންޒާރު ދީފައެވެ. އެ އިންޒާރާއި ގުޅިގެން ހަމާސް ޖަމާއަތުން ވަނީ ބާރުގެ ބޭނުންކޮށްގެން ގައިދީން ދޫކޮށްނުލާނެ ކަމަށް ބުނެފައެވެ.