
ރޮނާލްޑޯގެ ދެލަނޑާއެކު އަމިއްލަ ދަނޑުގައި އަލް ނަސްރަށް ފަސޭހަ މޮޅެއް
IMG_20231125_014135
ސައުދީ ޕްރޮފެޝަނަލް ލީގުގައި ހުކުރުދުވަހުގެ ރޭ އަމިއްލަ ދަނޑުގައި އަލް އަޚްދޫދް އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއި 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އަލް ނަސްރު އިން އެއްވަނައިގައި އޮތް އަލް ހިލާލް އާއި ދެމެދުގައިވާ ފަރަގު އެއް ޕޮއިންޓަށް ކުޑަކޮށްފި އެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން އަލް ނަސްރު އިން މެޗު ޑޮމިނޭޓުކުރި އިރު، މިހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ރަގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ސަމީ އަލް ނާޖީއެވެ. މިއީ އެޓީމުގެ ޑިފެންޑަރު ސުލްތާން އަލް ޣަންނާމް ތަނަވަސްކޮށްދިން ފުރުސަތެއްގައި އަލް އަޚްދޫދްގެ ޕެނަލްޓީ އޭރިއާ ތެރޭގައި މުޅިން ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އަލް ނަސްރު ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި އަލް ނަސްރު އިން އިތުރު ދެ ލަނޑު ކާމިޔާބުކުރި އިރު، އެޓީމުގެ ދެވަނަ ލަނޑު ފަހުހާފުގެ 77 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އަދި އޭގެ ތިން މިނެޓު ފަހުން ރޮނާލްޑޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.
މިއީ މިސީޒަނުގައި ލީގުގައި ކުޅުނު 13 މެޗުގައި ރޮނާލްޑޯ ކާމިޔާބުކުރި 15 ވަނަ ލަނޑެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން އަލް ނަސްރު ކުރީގައި އޮވެގެންނެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 14 މެޗުން އަލް ނަސްރަށް 34 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ދެވަނައިގައެވެ. އެއްވަނާގައި އޮތް އަލް ހިލާލްއަށް 13 މެޗުން 35 ޕޮއިންޓް ލިބިފައިވާއިރު މިމެޗުން ބަލިވި އަލް އަޚްދޫދް އަށް 14 މެޗުން ލިބުނު 10 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 16 ވަނައިގައެވެ.