
Dr Mohamed Muizzu, Abdul Raheem Abdulla
ޕީޕީއެމް/ޕީއެންސީ ތިބީ ދިވެހި ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ރައީސް ޑޮކްޓަރ މުހައްމަދު މުއިއްޒުއާއެކު ފިސާރު ސާބިތުވެ ކަމަށް ރައީސްގެ ހާއްސަ މުޝީރު، އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަބްދުރަހީމް މިހެން ވިދާޅުވެފައިމިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިއްޔެ ޕީޕީއެމްއާ ވަކިވެވަޑައިގެން އެމަނިކުފާނު އަމިއްލަ ޕާޓީއެއް އުފެއްދެވުމުގެ މަސަައްކަތް ފަށާފައިވާ ދަނޑިވަޅެއްގައެވެ. ރައީސް ޔާމީން ވަނީ އެމަނިކުފާނަށް ތާއީދުކުރައްވާ މެމްބަރުން އަލަށް އުފައްދަވާ ޕާޓީއާ ގުޅިވަޑައިގަތުމަށް އެދިވަޑައިގެންފައެވެ.
އަބްދުއްރަހީމް އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، ޕީޕީއެމް ޕީއެންސީ އަކީ "އެންމެ ފުރަތަމަ ގައުމު" އިސްކުރާ ދެ ޕާޓީ ކަމަށާއި، އެ ދެޕާޓީ ތިބީ ދިވެހި ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ރައީސް ޑޮކްޓަރ މުއިއްޒުއާއެކު ފިސާރި ސާބިތުވެ ކަމަށެވެ.
މާތް ﷲ ގެ ވާގިފުޅާއެކު ރައީސް ޑރ މުއިއްޒުގެ ސަރުކާރު ވެގެންދާނީ ދިވެހި ގައުމާއި ރައްޔިތުންނަށް އުފާ ފާގަތިކަން ގެނެސްދޭނެ ސަރުކާރަކަށް. ފަސް އެނބުރި ބެލުމެއް ނެތި އަޅުގަނޑުމެން ދާނީ ކުރިއަށް - އަބްދުއްރަހީމް ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.
އަބްދުއްރަހީމް ވަނީ، ދިވެހި ރައްޔިތުން ރައީސް ޑޮކްޓަރ މުއިއްޒުއާއެކު ސާބިތުވެ ތިބުމަކީ ގައުމާއި ރައްޔިތުންނަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަށާއި، ވަކި ފަރުދަކަށްވުރެ ގައުމު މާ ބޮޑު ކަމަށް ވިދާޅުވެފައެވެ.