
އާއިލާ މީހުން ދޫކޮށްލާނެ ކަމުގެ އިންތިޒާރުގައި ތިބި މީހުންގެ ގަޔަށް ޔަހޫދީން ކަރުނަ ގޭސް ޖަހައިފި
2023-11-24T141340Z_738121807_RC2QJ4AC8RD3_RTRMADP_3_ISRAEL-PALESTINIANS-HOSTAGES-1700835884 copy
ޔަހޫދީ އިސްރާއީލުން ރަހީނުކޮށްގެން ގޮސް ޖަލުތަކުގައި ބަންދުކޮށްފައިވާ ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން މިއަދު ދޫކޮށްލުމަށް ނިންމާފައިވާ 39 މީހުންގެ އިންތިޒާރުގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް ޔަހޫދީ އަސްކަރިއްޔާއިން ކަރުނަ ގޭސް ޖަހައިފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، ޔަހޫދީ އިސްރާއީލާއި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ޔަހޫދީން މިއަދު 39 މީހުން ދޫކޮށްލަން ނިންމުމާއި ގުޅިގެން އެމީހުންގެ އާއިލާ މީހުން ވަނީ އޮފަރ ޖަލުގެ ބޭރަށް ޖަމާވެފައެވެ.
މިއަދު ދޫކޮށްލާ 39 މީހުންގެ އާއިލާގެ މީހުންގެ އިތުރުންވެސް ގިނަ ބަޔަކު އެތަނަށް އެއްވެފައިވާއިރު، ޔަހޫދީ އިސްރާއީލުން ވަނީ އެމީހުން އެތަނުން ދުރުކުރުމަށް ބާރުގެ ބޭނުންކޮށް ކަރުނަ ގޭސް ޖަހާފައެވެ.
ގަތަރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވަނީ އިސްރާއީލުން ރަހީނުކޮށްފައިވާ މީހުންގެ ތެރެއިން 39 މީހުން މިނިވަންކޮށްފައިވާކަން ކަށަވަރުކޮށްދީފައެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ.