
މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފި
police building

ރާއްޖެއިން ބޭރުން މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށް މުއްދަތު ޖަހައިފިއެވެ.
ފުލުހުން އެދިގެން ކްރިމިނަލް ކޯޓުން މުއްދަތު ޖަހާފައިވަނި 23 އަހަރުގެ ދެ ދިވެހި ފިރިހެނަކަށެވެ. އެއީ ކ. މާލެ، ގ. ފެހިހިރި މިފްޒާލް ވާފިރާއި މ. ހަރުމަލްގެ އަހުމަދު އާނިމްއެވެ.
އަދި މަސްތުވާތަކެތި ގެންގުޅެ އޭގެން ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި މިފްޒާލްގެ ބަންދަށް 20 ދުވަސް އަދި އާނިމްގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ވަނީ ދީފައެވެ.
ބަންދު އަމުރުގައި ބުނެފައިވަނީ މި ދެމީހުންވެސް ކުށްކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހެޅިފައިވާ ކަމަށެވެ. އެގޮތުން މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ ކަމަށާއި، ސީންއަށް ދިޔަ ފުލުހުންގެ ބަޔާން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ކަމަށެވެ.
އަދި ގިނަ އަދަދެއްގެ (ޓްރެފިކިންގ މިންގަނޑަށް ފެތޭވަރަށް) މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި، ކަސްޓަމްސް އޮފިސަރުންގެ ބަޔާން އަދި މޯބައިލް ފޯނުން މަސްތުވާތަކެއްޗާ ގުޅުންހުރި މުއާމަލާތްތައް ފެނިފައިވާ ކަމަށެވެ.
ބަންދުގައި ބަހައްޓަންޖެހޭ ހާލަތުގެ ގޮތުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާާއި 60 ވަނަ މާއްދާގެ (ކ) އަށް ރިއާޔަތްކޮށް ކަމަށެވެ.
އަދި ބަންދުގައި ބަހައްޓަންޖެހޭ ހާލަތު އޮތްކަމަށް ދެކޭ ސަބަބުގެ ގޮތުގައި ބުނެފައިވަނީ މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަަމަށްޓަކައި ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖްރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގެ ދަށުންނާއި، މަސްތުވާތަކެއްޗާއި ހަވާލުވާން މި ދެމީހުން ގޮސްފައިވުމާއި، މިއީ ޖިނާއީ ބޮޑުކުށަކަށްވެފައި، މިއީ ދިވެހިރާއްޖެއިން ބޭރުން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލައަކަށްވާތީ ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން ކުށްކޮށްފައިވަނީ ދުރާލާ ރޭވިގެން، ވަކި އިންތިޒާމްތަކެއްގެ ތެރެއިން ޖަމާއަތެއް ހިމެނޭހެން ކަމަށް ބުނެފައިވެއެވެ.
ކޯޓު އަމުރުގައި ބުނެފައިވަނީ މި ދެމީހުންގެ މައްސަލައިގައި ޕީޖީ އޮފީހާއި މަޝްވަރާކޮށް މައްސަލަ އެ އޮފީހަށް ހުށަހެޅުމަށް ތައްޔާރުވަމުންދާކަމަށް އިންޓެލިޖެންސް އޮފިސަރު ފާހަގަކޮށްފައިވާ ކަމަށެވެ.