
ވީއައިއޭގައި އޮޓޯ ބެގޭޖް ސްކްރީނިން ސިސްޓަމެއް ގާއިމްކުރަނީ، އަންނަ މަހު ބޭނުންކުރަން ފެށޭނެ!
F_ntqIBaMAAi91I
ރާއްޖޭގެ މައި ދޮރާށި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އިން ލައިން ބެގޭޖް ހޭންޑްލިން އަދި ސްކްރީނިން ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން މިއަދު ބުނީ މި އިން ލައިން ބެގޭޖް ހޭންޑްލިން އަދި ސްކްރީނިން ސިސްޓަމް ގާއިމުކުރަމުން އަންނަނީ އެއާޕޯޓުގެ ޑިޕާޗާ ޓާމިނަލްގައި ކަމަށެވެ. އަދި މި އަޕްގްރޭޑްގެ މަޤްޞަދަކީ ސެކިއުރިޓީ ސްކްރީނިންގ އޮޕްޓިމައިޒްކޮށް، ރައްކާތެރި، އަވަސް އަދި ފަސޭހަ ދަތުރުތައް ކަށަވަރުކުރުން ކަމަށް އެމްއޭސީއެލުން ބުނެއެވެ.
މިހާރު އެމްއޭސީއެލުން މެނުއަލްކޮށް ބެގޭޖް ހޭންޑްލްކޮށް ސްކްރީން ކުރަންޖެހެއެވެ. ނަމަވެސް މި ހިދުމަތް ފެށިގެން ދިޔުމާއި އެކު އިންޓަނޭޝަނަލް ޑިޕާޗާ ގޭޓުކުރިމަތީގައި ގިނައިރުވަންދެން ކިއު ހަދައިގެން ތިބުން ނިމުމަކަށް ގެނެވޭނެ ކަން އެކުންފުނިން ފާހަގަކުރެއެވެ. މި ސިސްޓަމް އިންސްޓޯލް ކޮށް ނިންމައި ބޭނުންކުރަން ފެށޭނީ އަންނަ މަހުއެވެ.
ވީއައިއޭގައި މިހާރު ގާއިމްކުރަމުން އަންނަ ބެގޭޖް ހޭންޑްލިން އަދި ސްކްރީނިން ސިސްޓަމްއަކީ ދުނިޔޭގެ ބޮޑެތި ގިނަ އެއާޕޯޓްތަކެއްގައި ބޭނުންކުރަމުން އަންނަ ސިސްޓަމެއްކަން އެމްއޭސީއިލް ވަނީ ހާމަކޮށްފައެވެ.
.މި ސިސްޓަމުން ޓިކެޓް ކައުންޓަރުގައި ނުވަތަ ސެލްފް ސާވިސް ކިއޮސްކުގައި ބެގޭޖް ޗެކްއިންކޮށްލުމުން އޮޓޮމެޓިކުން ބެގޭޖް ސްކްރީނިން އޭރިއާއަށް ގެންދާނެ އެވެ. އަދި ސްކްރީނިން ޕްރޮސެސްގައި އެކްސްރޭ ސްކޭނަރާއި އެހެނިހެން ޑިޓެކްޝަން ޓެކްނޮލޮޖީތައް ވެސް އެއްސިސްޓަމެއްގެ ތެރެއިން އިތުރު އިންސާނީ އެހީއަކާއި ނުލައި ކޮށްދޭނެ އެވެ.