
އިޒްރޭލު މީހުން ރާއްޖެ އެތެރެވުން މަނާކުރަން ހުށަހެޅި ޕެޓިޝަން ކޮމިޓީން ފާސްކޮށްފި
F_hAlK-asAADD_n
އިސްރާއީލުގެ ރަށްވެހިން ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށް ގޮވާލައި ރައްޔިތުން މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަން، މަޖިލިހުގެ ޕެޓިޝަން ކޮމިޓީން ފާސްކޮށްފިއެވެ.

"ރައިޓްސް މޫވްމަންޓު" ނަމަކަށް ކިޔާ ޖަމާއަތަކުން މިދިޔަ ހޯމަ ދުވަހު ހުށަހެޅި ޕެޓިޝަނުގައި 1،000 އަށް ވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފަ އެވެ. ޕެޓިޝަނުގައި މައިގަނޑު ކަމަކަށް ހުށަހަޅާފައި އޮތީ އިޒްރޭލު ޕާސްޕޯޓުގައި އެތެރެވުން މަނާކުރުމަށެވެ.
ޕެޓިޝަން ކޮމިޓީން މި ޕެޓިޝަން ދިރާސާކުރަން ބޭއްްވި ބައްދަލުވުމުގައި ބައެއް މެންބަރުން ވަނީ މި މައްސަލައިގައި މަޖިލީހުގެ ބައެއް އިތުރު ކޮމިޓީތައް ވެސް ކުރިއަށް ދާތީ ދެ މައްސަލަ އެކުގައި ކުރިއަށް ގެންދިއުމަށް ހުށަހަޅައިފަ އެވެ. ނަމަވެސް ކޮމިޓީގެ ތިއްބެވި ޑިމޮކްރެޓްސްގެ މެންބަރުން ދެކެވަޑައިގެންނެވި ގޮތުގައި ރައްޔިތުންގެ ކަންބޮޑުވުންތައް ހުރި މައްސަލައެއްގައި އެ ކޮމިޓީއަށް ވެސް ގޮތް ނިންމޭނެ އެވެ.
މީގެ ކުރިން މަޖިލީހަށް ވަނީ އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ބިލެއް ހުށަހަޅާފައި އެވެ. އަދި އެމައްސަލައަށް މުޅި މަޖިލީހުގައި ބަހުސް ކުރުމަށްފަހުގައި އެމައްސަލަ ވަނީ ހާރިޖީ ކޮމެޓީއަށް ފޮނުވާފައި އެވެެ. އެހެން ކަމުން ރައިޓްސް މޫވްމަންޓުން ހުށަހެޅި ޕެޓިޝަންގެ މައްސަލަ ހާރިޖީ ކޮމެޓީއަށް ފޮނުވާފައިވާ މައްސަލައާއި އެކު ކުރިޔަށް ގެންދިިޔުމަށް ކޮމެޓީގައި ވޯޓަށް އަހާފައެއް ނުވެއެވެ.
ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަޖިލިހުގެ އުނގޫފާރު ދާއުރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ ރާއްޖެއަކީ އެއްވެސް ދައުލަތަކާ ދެކޮޅު ބައެއް ނޫން ކަމަށާއި ނަމަވެސް ދައުލަތަކުން އިންސާނިއްޔާތާ ހިލާފު ބޮޑު ޖަރީމާއެއް ހިންގަމުންދާނަމަ އެ ދައުލަތަކާ ދޭތެރޭގައި ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށެވެ. އަދި އެއީ ބައިނަލްއަގްވާމީ ޖަމިއްޔާތަކާއި ގައުމުތަކުން ކަންތައްކުރާ ގޮތް ކަމަށާއި އެ ހައްގު ރާއްޖެއަށް ވެސް އޮންނާނެ ކަމަށް ވައްޑެ ވަނީ ވިދާޅުވެފައި އެވެ.
މި މައްސަލައަށް ކޮމެޓީގައި މަޝްވަރާކުރުމަށްފަހު ޕެޓިޝަން ފާސްކުރީ ކޮމިޓީއަށް ހާޒިރުވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.