
F_dg3e-bEAAPoQz
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީކުރުމަށް ހިންގާ މަޝްރޫއުގެ ތެރެއިން ޖެޓް ފިއުލް ރައްކާ ކުރަން ތަރައްގީ ކުރި އާ ފިއުލް ފާމްގެ ނެޓްވޯކް ޓެސްޓް ކުރަން ފަށައިފި އެވެ.

ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ބޭނުންކުރާ އާ ރަންވޭ ހަދާފައި ވަނީ ތެޔޮ ބައުރަޒު ރޭމްޕް މައްޗަށް ނުގެންގޮސް، ބޯޓު ޕާކްކުރާ ސަރަހައްދުގައި ގާއިމްކޮށްފައިވާ ތެޔޮ އަޅާ ހޮޅިތައް ނުވަތަ ހައިޑްރޭންޓް ސިސްޓަމް މެދުވެރިކޮށް ސީދާ ބޯޓަށް ތެޔޮ އެޅޭ ގޮތަށެވެ.
ފިއުލް ހައިޑްރަންޓް ނެޓްވޯކާ އެކު ތެޔޮ އެޅުމުގެ މަސައްކަތް 70 ޕަސެންޓަށް އަވަސް ވާނެ ކަމަށް އެމްއޭސީއެލް އިން ބުނެފައިވެ އެވެ. ކުރިން ވައިޑް ބޮޑީ އެއާކްރާފްޓަކަށް ތެޔޮ އެޅުމަށް ގަޑިއެއްހާ އިރު ހޭދަވާއިރު ފިއުލް ހައިޑްރަންޓް ނެޓްވޯކާ އެކު އެކަމަށް ހޭދަވާނީ 15 ވަރަކަށް މިނެޓު ކަމަށް ބުނެއެވެ.
މި ސިސްޓަމްގެ ސަބަބުން ސީޕްލޭން ތަކަށް ތެޔޮ އަޅަން ބައުޒަރުގައި ތެޔޮ އުފުލުން ވެސް ނިމުމަކަށް އަންނާނެ ކަމަށް އެމްއޭސީއެލްއިން ބުނެ އެވެ. އަދި އާ ފިއުލް ފާމާ އެކު ހެދި ހައިޑްރަންޓް ނެޓްވޯކް ޓެސްޓުކުރުމަށް ފަހު ބޭނުންކުރަން ފަށާނީ އަންނަ އަހަރު ކުރީކޮޅު ކަމަށެވެ.
އެއާޕޯޓުގެ ކުރީގެ ފިއުލް ފާމްގެ ކެޕޭސިޓީއަކީ 15 މިލިއަން ލިޓަރެވެ. އަލަށް ހެދި ފިއުލް ފާމުގެ ކެޕޭސީޓީ ވަނީ 45 މިލިއަން ލިޓަރު އިތުރުވެފަ އެވެ. އެ ފާމްގައި ތެޔޮ ރައްކާކުރަން ތިން ޓޭންކް ހުންނާނެ އެވެ. އާ ފިއުލް ޓޭންކުތަކާ އެކު، ފިއުލް ފާމް ކެޕޭސިޓީ 60 މިލިއަން ލިޓަރަށް އިތުރުވާނެ އެވެ. އާ ފިއުލް ފާމާ އެކު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 1.5 މިލިއަން ލީޓަރު ދޫކުރެވޭނެ ގާބިލްކަން ލިބޭނެ އެވެ. ފިއުލް ފާމު ސަރަހައްދުގައި ތެޔޮ އުފުލާ ބޯޓުތައް ކައިރި ކުރުމަށް ހާއްސަ ފާލަމެއް ހުންނާނެ އެވެ.