logoEN
Sto top
ރަށުން ބޭރުގައި ބްރެޒިލް އަތުން އާޖެންޓީނާއަށް އުނދަގޫ މޮޅެއް

ރަށުން ބޭރުގައި ބްރެޒިލް އަތުން އާޖެންޓީނާއަށް އުނދަގޫ މޮޅެއް

ހަސަން ޝަމްއޫން

logo

11/22/2023, 12:23:47 PM

IMG_20231122_122147

ވޯލްޑްކަޕް ކޮލިފައިންގ ސައުތު އެމެރިކާ ސަރަހައްދުގައި ރޭ ފަތިހު ރަށުން ބޭރުގައި ވާދަވެރި ބްރެޒިލް އާއި ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން އާޖެންޓީނާ އިން ކާމިޔާބުކޮށްފި އެވެ.

Wamco

އާޖެންޓީނާގެ ސަޕޯޓަރުންނާއި ބްރެޒިލްގެ ފުލުހުންގެ މެދުގައި ހިގި ކުރިމަތިލުންތަކެއްގެ ސަބަބުން މެޗުގެ ކުޅުން ފެށުން 30 މިނެޓަށް ލަސްވިއިރު، ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ފިޒިކަލް ކުޅުމެކެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން ކުރެ އެއްވެސް ޓީމަކަށް އެއްވެސް ޓީމަކަށް ލަނޑުހާނެ މާރަގަޅު ހުސް ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ.

މިގެ އިތުރުން މިހާފުގައި މެޗުގެ ރެފްރީ ވަނީ ބްރެޒިލްގެ ތިން ކުޅުންތެރިއަކަށް ރީނދޫ ކާޑު ދައްކާފައެވެ.

މެޗުގެ ދެވަަނަ ހާފު ވަރުގަދަކޮށް ފެށީ ބްރެޒިލް އިންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 58 ވަނަ މިނެޓުގައި އެޓީމުގެ އާސެނަލް ފޯވާޑް ގެބްރިއަލް މާޓިނެލީ އަށް ވަނީ މެޗުގެ ލީޑު ނެގުމަށް ވަރަށް ހުސް ފުރުސަތެއް ލިބިފައެވެ.

ނަމަވެސް އާޖެންޓީނާ ޕެނަލްޓީ އޭރިއާ ތެެރެއިން އެޓީމުގެ ފޯވާޑް ގެބްރިއަލް ޖީސަސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ފޮނުވާލި ބާރު ހަމަލާ އާޖެންޓީނާގެ ކީއްޕަރު އެމެލިއާނޯ މާޓިނޭޒް ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

އާޖެންޓީނާ އިން މިމެޗުގައި ލީޑު ހޯދި ލަނޑު ދެވަނަ ހާފުގެ 63 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު ނިކޮލަސް އޮޓަމެންޑީ އެވެ. މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި ޖިއޮވާނީ ލޮސެލްސޯ ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

އާޖެންޓީނާގެ ލަނޑަށްފަހު އެޓީމުގެ ފަރާތުން ވަރަށް ޑިފެންސިވް ކުޅުމެއް ފެނިގެންދިޔަ، މިމެޗުގައި ބްރެޒިލްއަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ ފަހުހާފު 81 ވަނަ މިނެޓުގައި އެޓީމުގެ މިޑްފިލްޑަރު ޖޯލިންޓަން ކުރި ފައުލަކާއި ގުޅިގެން މެޗުގެ ރެފްރީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އާޖެންޓީނާ ކުރީގައި އޮވެގެންނެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ކުޅުނު 6 މެޗުން 15 ޕޮއިންޓް ހަމަކޮށް އާޖެންޓީނާ އިން ވަނީ ތާވަލުގެ އެއްވަނައިގައި ދެ ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. އަދި މިމެޗުން ބަލިވި ބްރެޒިލް ކޮލިފައިންގައި ކުޅުނު 6 މެޗުން ލިބުނު 7 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ 10 ޓީމު ހިމެނޭ މިސަރަހައްދުގެ 6 ވަނައިގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside