ޔަހޫދީންގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 14،000 އިން މައްޗަށް

ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 14،000 އިން މައްޗަށް އަރައިފިއެވެ.

ޣައްޒާގެ ސަރުކާރުން ބުނީ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން މިހާތަނަށް ފަލަސްތީނުގެ 14،128 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށާއި އޭގެ ތެރޭގައި 5،840 އަށްވުރެ ގިނަ ކުޑަކުދިންނާއި 3،920 އަންހެނުން ހިމެނޭ ކަމަށެވެ.

އަދި 33،000 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށްވެސް ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެއެވެ.

އޭގެ އިތުރުން ޔަހޫދީންގެ ހަމަލާތަކުގައި ހަލާކުވެފައިވާ އިމާރާތްތަކުގެ ކުނިތަކުގެ ދަށުގައި 6،800 އަށްވުރެެ ގިނަ މީހުން ތާށިވެފައި ތިބި ކަމަށާއި، އޭގެ ސަބަބުން ޝަހީދުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށްވެސް ޣައްޒާގެ މީޑިއާ އޮފީހުން ބުނެފައިވެއެވެ.

އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ލިބުނު ގެއްލުންތަކާ ގުޅޭ ގޮތުން ސަރުކާރުން ބުނީ ޣައްޒާގައި 44،000 ރެސިޑެންޝަލް ޔުނިޓް ހަލާކުވެ، 230،000 އަށް ވުރެ ގިނަ އިމާރާތްތަކަށް ގެއްލުން ވެފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ޣައްޒާގެ އާބާދީގެ 60 އިންސައްތަ މީހުންނަށް ބޯހިޔާވަހިކަން ގެއްލިފައިވާ ކަމަށްވެސް ޣައްޒާގެ މީޑިއާ އޮފީހުން ބުނެއެވެ.

އަދި 26 ހޮސްޕިޓަލަކާއި 55 މެޑިކަލް ސެންޓަރެއްގެ ހިދުމަތް ވަނީ ހުއްޓާލާފައި ކަމަށްވެސް އެއިދާރާއިން ބުނެ އެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް