
ޔަހޫދީންގެ ހަމަލާއެއްގައި ލުބުނާނުން 2 ނޫސްވެރިޔަކު ހިމެނޭހެން އިތުރު 3 މީހަކު ޝަހީދުވެއްޖެ
LEBANON-ISRAEL-PALESTINIAN-CONFLICT
ޔަހޫދީ އިސްރާއީލުން ލުބުނާނަށް ދިން ހަމަލާއެއްގައި އިތުރު ތިން މީހަކު ޝަހީދުވެފައިވާ ކަމަށް ލުބުނާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފިއެވެ.

ލުބުނާނުގެ ދައުލަތުގެ މީޑިއާއިން މީގެ ކުރިން ވަނީ އިސްރާއީލުން ދިން ހަމަލާއެއްގައި އުމުރުން 80 އަހަރުގެ އަންހެނަކު ޝަހީދުވެ، އޭނާގެ މާމަ ދަރިފުޅު ޒަޚަމްވެފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ.
ލުބުނާނުގެ ދައުލަތުގެ މީޑިއާއި ރިޕޯޓުކޮށްފައިވާ ގޮތުގައި އިސްރާއީލާއި ލުބުނާނު ގުޅޭ ބޯޑަރު ސަރަހައްދުގެ އާންމުން ދިރިއުޅޭ ސަރަހައްދަކަށް އިސްރާއީލުގެ އަސްކަރީ މަތިންދާބޯޓުތަކުން މިއަދު ދިން ހަމަލާތަކުގައި ދެ ނޫސްވެރިންނާއި އާންމުންގެ އިތުރު މީހަކު ޝަހީދުވެފައިވާ ކަމަށެވެ.
މި ހަމަލާތަކުގައި ޝަހީދުވެފައިވަނީ ލުބުނާނުގެ އަލް މަޔާދީން ޓީވީގެ ކެމެރާމަން ރާބިހް މާމާރީ އާއި، ނޫސްވެރިޔާ ފަރާ އުމަރު ކަމަށް އަލް މަޔާދީން އިން ބުނެފައިވެއެވެ.
މި ހަމަލާތައް ދީފައިވަނީ އިސްރާއީލުގެ ބޯޑަރާ ގާތްގަނޑަކަށް 1.6 ކިލޯމީޓަރު (1 މޭލު) ދުރުގައި އޮންނަ ތިރް ހަރްފާ އަވަށުގެ ގެތަކަށް ކަމުގައިވެސް ލުބުނާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވެއެވެ.