ބައިނަލްއަޤްވާމީ ފިރިހެނުންގެ ދުވަހުގެ މުނާސަބާގައި ގައްދޫ ކައުންސިލްގެ އަންހެން މުވައްޒަފުންގެ ފަރާތުން، އެއިދާރާގެ ފިރިހެން މުވައްޒަފުންނަށް ޚާއްސަކޮށްގެން "މެންސް ފުޓްސަލް ކަޕް 2023″ ގެ ނަމުގައި ވަން ޑޭ ފުޓްސަލް މުބާރާތެއް" ބާއްވައިފިއެވެ.
ގައްދޫ ކައުންސިލްގެ ސެކެޓްރީ ޖެނަރަލް ފާޠިމަތު ރުކްޝާނާ ގާފު ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަހަރުގެ ފިރިހެނުންގެ ދުވަހުގެ މުނާސަބަތުގައި އެ އިދާރާގެ އަންހެން މުވައްޒަފުންގެ ފަރާތުން އެއްދުވަހުގެ ފުޓްސަލް މުބާރާތެއް ބޭއްވުމުގެ ބޭނުމަކީ އެއިދާރާގެ ފިރިހެން މުވައްޒަފުންގެ މަސައްކަތުގެ އަގުވަޒަންކޮށް މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ މަގުސަދުގައެވެ.
އިތުރު ވާހަކަދައްކަމުން ރުކްޝާނާ ވިދާލުވީ މިމުބާރާތް އިންތިޒާމުކޮށްގެން ކުރިއަށްގެދިއުމުގައި އެއިދާރާގެ ހުރިހާ އަންހެން މުވައްޒަފުންގެ އަމަލީގޮތުން ބައިވެރިވެފައިވާކަމަށާއި، މުބާރާތުގެ އޮފިޝަލުންގެ އިތުރުން ޓީމުތަކުގެ މެނޭޖަރުންގެ ގޮތުގައި ވެސް ހަރަކާތްތެރިވެލެއްވީ އެއިދާރާގެ ހީވާގި އަންހެން ކަނބަލުންނެވެ. އަދި މިމުބާރާތުގައި ގައްދޫ ކައުންސިލްގެ އިދާރީ މުވައްޒަފުންނާއި ޢިޖުތިމާއީ މުވައްޒަފުންގެ އިތުރުން މިސްކިތު މުވައްޒަފުންގެ ތެރޭއިން 4 ޓީމު ވާދަކޮށްފައިވާކަމަށެވެ.
ލީގު އުސޫލުން ކުރިއަށް ގެންދެވުނު މި މުބާރާތުގެ ފައިނަލްގައި ވާދަކޮށްފައި ވަނީ ޓީމު ކާލާ މަންނަ އާއި ދަ ބިގް ބޭންގް އެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮތުމުން ނަތީއްޖާނެރުމަށް ޖެހި ޕެނަލްޓީގައި 2-1 ގެ ނަތީޖާއަކުން މޮޅު މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކާލާ މަންނަ އެވެ.