މިދައުރުގައި މަޖިލީހަށް ހުށަހެޅި އެންމެ ގިނަ ސޮޔާއެކު އިސްރާއީލު ރަށްވެހިން ރާއްޖެ އެތެރެވުން ހުއްޓުވުމަށް ޕެޓިޝަން ހުށަހަޅައިފިއެވެ.
މި ޕެޓިޝަނަކީ "ރައިޓް މޫވްމަންޓުން" އިސްނަގައިގެން ގިނަ އަދަދެއްގެ ޖަމިޔާތަކާއި ކްލަބްތައް ގުޅިގެން، އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ ސަރުކާރުން ފަލަސްތީނު ނައްތާލުމަށް ކުރަމުންގެންދާ ލާއިންސާނީ އަމަލުތަކާއި ފަލަސްތީނުގެ ލޮބުވެތި އަހުންނާއި އުހްތުންނާ ދެކޮޅަށް ހިންގަމުންގެންދާ ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް ދިވެހިން ތިބިކަން ހާމަކުރުމުގެ ގޮތުން އިސްރާއީލުގެ ރަށްވެހިން ރާއްޖެ އެތެރެކުރުން ހުއްޓުވުމަށް އެދި ހުށަހަޅާފައިވާ ޕެޓިޝަނެކެވެ.
ރައިޓް މޫވްމަންޓުން ބުނީ މަޖިލީހަށް ހުޝަހަޅާފައިވަނީ ޕެޓިޝަންގައި ސޮއި ކުރި މީހުންގެ ތެރެއިން 1000 ސޮޔާއި އެކުގައި ކަމަށެވެ. އަދި ޕެޓިޝަންގައި ސޮއިކުރުން އަދިވެސް ކުރިޔަށް ގެންދާނެ ކަމަށާއި އެގޮތުން ޑިސެމްބަރު މަހުގެ 15 އާއި ހަމައަށް ސޮއިކުރުން ކުރިޔަށް ދާނެ ކަމަށް ރައިޓް މޫވްމަންޓުން ވަނީ ބުނެފައި އެވެ. އެއަށްފަހު އެހާތަނަށް ލިބޭ ހުރިހާ ސޮޔަކާއެކު ރައީސުލް ޖުމްހޫރިއްޔާއަށް ޕެޓިޝަން ހުށަހެޅުމަށް ރައިޓް މޫވްމަންޓުން ވަނީ ނިންމާފައެވެ.
މިހާތަނަށް މާލެއިން 10،000 އަށްވުރެން ގިނަ ސޮއެ ލިބިފައިވާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސޮއި ކުރުމުގެ މަސައްކަތް ބާރަށް ދަނީ ކުރިޔަށެވެ. މި ޕެޓިޝަންގައި ސޮއި ކުރުމުގެ މަސައްކަތުގައި ރަށްރަށުގައި އިސްނަގައި މިހަރަކާތް އެރަށެއްގައި ހިންގުމަށް ބޭނުންވާ ފަރާތްތަކުން ފޯކަލް ޕޮއިންޓުންގެ ގޮތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް ވަނީ ފުރުސަތުވެސް ހުޅުވާލާފައި އެވެ. މިކަމުގައި ރައިޓް މޫވްމަންޓާއެކިީ މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކުން ރައިޓް މޫވްމަންޓް ޕޭޖު މެދުވެރިކޮށް އެކަމަށް އެދެވޭނެ ކަމަށް އެޖަމިއްޔާއިން ބުނެއެވެ.
މިހާތަނަށް މިޕެޓިޝަންގައި ސޮއިކުރުމުގެ މަސައްކަތުގައި ރައިޓް މޫވްމަންޓަށް އެކި ގޮތްގޮތުން އެހީތެރިކަން ދެއްވާ ހުރިހާ ފަރާތްތަކަށް އެޖަމިއްޔާއިން ވަނީ ޝުކުރު އަދާކޮށްފައެވެ.