މެދުއިރުމަތީގެ ސުލްހަ ގާއިމުކުރުމަށް ޗައިނާއިން މަސައްކަތްކުރަނީ

މެދުއިރުމަތީގެ ސުލްހަ ގާއިމުކުރުމަށް އެހީތެރިވުމަށް ތައްޔާރަށް އޮތް ކަމަށް ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީ ބުނެފިއެވެ.

އަރަބި އަދި މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ގައުމުތަކުގެ ޑިޕްލޮމެޓުންނާ މުހާތަބުކޮށް ވާހަކަ ދައްކަމުން ވަންގް ވަނީ ޣައްޒާގެ ހާލަތު ވީހާވެސް އަވަހަށް ފިނިކޮށް، މެދުއިރުމަތީގެ ސުލްހަ ވީހާވެސް އަވަހަކަށް ގާއިމުކުރުމަށް އެންމެ ގުޅިގެން މަސައްކަތް ކުރަން އެދިފައެވެ.

ވަންގް ވަނީ ޣައްޒާގައި އިންސާނީ ކާރިސާއެއް ހިނގަމުންދާ ކަމަށާއި، އެކަމުގެ އަސަރު ދުނިޔޭގެ ހުރިހާ ގައުމަކަށްވެސް ކުރާ ކަމަށެވެ. އަދި ޣައްޒާގެ ހާލަތުގެ ސަބަބުން އިންސާނީ ހައްގުތަކާއި އިންސާނިއްޔަތުގެ އެންމެ ފުންމިނާ މެދު ސުވާލު އުފެދޭ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ސައުދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސައުދު ވިދާޅުވީ އިސްރާއީލު ހުއްޓުވުމުގެ ޒިންމާ ބައިނަލްއަގުވާމީ މުޖުތަމައުން އުފުލަން ޖެހޭ ކަމަށެވެ.

ސަޢޫދީ ޢަރަބިއްޔާ، އުރުދުން، މިޞްރު، އިންޑޮނޭޝިއާ، ފަލަސްޠީނާއި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ އޮފިޝަލުން ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޣައްޒާގައި ހިނގަމުންދާ ހަނގުރާމަތައް ހުއްޓާލައި އެސަރަޙައްދަށް އިތުރު އިންސާނީ އެހީފޯރުކޮށްދިނުމަށް ވަނީ ގޮވާލާފައެވެ.

މިމަހުގެ ކުރީކޮޅު ސަޢޫދީ ޢަރަބިއްޔާއިން އިންތިޒާމުކޮށްގެން ބޭއްވި ޢަރަބި-އިސްލާމީ ސަމިޓުގައި ވަނީ ޣައްޒާ ވަށާލުން ހުއްޓާލުމަށާއި، އިންސާނީ އެހީތެރިކަން ލިބުމާއި، އިސްރާއީލަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ގޮވާލައި، އިސްރާއީލުން ޣައްޒާއަށް ދިން ޙަމަލާތަކާއި، ހަނގުރާމައިގެ ޖަރީމާތަކާއި، އަދި ލާއިންސާނީ ޖަރީމާތައް ކުށްވެރިކޮށްފައެވެ.

ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 13،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި 5،500 އަށްވުރެ ގިނަ ކުޑަކުދިންނާއި 3،500 އަށްވުރެ ގިނަ އަންހެނުން ހިމެނެއެވެ.

އަދި ހަމަލާތަކުގައި ހަލާކުވެފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެ ނުވަތަ ޝަހީދުވެފައި 4،000 އަށްވުރެ ގިނަ ކުޑަކުދިން ހިމެނޭ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް