ޝިފާ ހޮސްޕިޓަލުން ގެންދިޔަ ތުއްތު ކުދިންގެ ހާލު ސީރިއަސް – ޑަބްލިއުއެޗްއޯ

ޣައްޒާގައި ހުންނަ އަލްޝިފާ ހޮސްޕިޓަލުގައި ފަރުވާދެވޭނެ ގޮތެއް ނެތިގެން ޣައްޒާގެ ދެކުނުގެ ހޮސްޕިޓަލަކަށް ބަދަލުކުރި 31 ތުއްތު ކުދިންގެ ހާލު ސީރިއަސް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

ޣައްޒާގެ ދެކުނުގައި ހުންނަ އަލްހެލާލް އަލް-އެމަރާތީ މެޓާނިޓީ ހޮސްޕިޓަލްގައި މިހާރު އެ ކުދިނަށް ފަރުވާދެމުން އަންނަ އިރު، އެ ކުދިން އެސެސްކޮށް ސްޓެބިލައިޒް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުދިން އެހޮސްޕިޓަލަށް ގެންދިއުމަށް އެހީވި ޑަބްލިއުއެޗްއޯ އިން ބުނެފައިވެއެވެ.

ޑަބްލިއުއެޗްއޯއިން ބުނެފައި ވާގޮތުގައި އޭގެ ތެރެއިން އެއްވެސް ތުއްތު ކުއްޖެއްގެ އާއިލާ މެމްބަރެއް އެކުގައި ގެންދެވިފައިނުވާ ކަމަށާއި، އޭގެ ތެރެއިން ގިނަ ކުދިންގެ މައިންބަފައިން ޔަހޫދީންގެ ހަމަލާތަކުގައި ޝަހީދުވެފައިވާ ކަމަށެވެ. އަދި ބައެއް ބެލެނިވެރިން ހޯދިފައިނުވާ ކަމަށްވެސް ޑަބްލިއުއެޗްއޯއިން ބުނެފައިވެއެވެ.

އޭގެ ތެރެއިން 11 ކުއްޖެއްގެ ހާލު ސީރިއަސް ކަމަށާއި، ފުރަތަމަ އެ ހޮސްޕިޓަލަށް ގެންދިއުމަށް ހަމަޖެހުނު 33 ކުދިންގެ ތެރެއިން ދެ ކުދިން ގެންދިއުމުގެ މަސައްކަތް ކުރަމުންދަނިކޮށް ޝަހީދުވެފައިވާ ކަމަށްވެސް ޑަބްލިއުއެޗްއޯއިން ބުނެފައިވެއެވެ.

ޣައްޒާގެ ހޮސްޕިޓަލްތަކުގެ ޑިރެކްޓަރ މުހައްމަދު ޒަކައަތު އާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ސުލްތާން ހޮސްޕިޓަލްގައި އެކުދިންނަށް ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާ ދިނުމަށް މިސްރަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

 

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް