ޣައްޒާގެ އަލްޝިފާ ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ދުވަސް ނުފުރާ ވިހެއި 31 ތުއްތު ކުދިން ސަލާމަތުން ޣައްޒާގެ ދެކުނުގެ ހޮސްޕިޓަލަކަށް ގެންގޮސްފިއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފައިވާ ގޮތުގައި އެކަށީގެންވާ ފަރުވާ ނުދެވުމުގެ ސަބަބުން އެކުދިން ތިބީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށެވެ.
އެތުއްތު ކުދިން ޝިފާ ހޮސްޕިޓަލުން ނެރެ ޣައްޒާގެ ދެކުނަށް ގެންދިއުމުގައި ހަރަކާތްތެރިވި ޑަބްލިއުއެޗްއޯއިން ބުނީ، މިހާރު އެކުދިން ގައްޒާގެ ދެކުނުގައި ހުންނަ ތަލް އަލް ސުލްތާން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އެތަނުގައި ނިއޯނޭޓަލް އިންޓެންސިވް ކެއާ ޔުނިޓުގައި އެ ކުދިންނަށް އަވަސް ފަރުވާ ދެމުން އަންނަ ކަމަށެވެ.
ޣައްޒާގެ ހޮސްޕިޓަލްތަކުގެ ޑިރެކްޓަރ މުހައްމަދު ޒަކައަތު އާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ސުލްތާން ހޮސްޕިޓަލްގައި އެކުދިންނަށް ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާ ދިނުމަށް މިސްރަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޒަކައުޓް ވިދާޅުވީ އެ ތުއްތު ކުދިންނަށް ޑީހައިޑްރޭޝަން، ބަނޑުގައި ރިއްސުން، ހައިޕޯތަރމިއާ ޖެހިފައިވާ ކަމަށާއި ބައެއް ކުދިންނަށް އެކަށީގެންވާ ފަރުވާ ނުދެވުމުގެ ސަބަބުން ސެޕްސިސް ޖެހިފައިވާ ކަމަށާއި އެކުދިން ދިރިތިބުމަށް އެކަށީގެންވާ ހާލަތެއްގައި ވެސް ނެތް ކަމަށެވެ.
ޔަހޫދީ އިސްރާއީލުން މިދިޔަ ބުދަ ދުވަހު އަލްޝިފާ ހޮސްޕިޓަލަށް ވަދެ އެތަނުގައި ތިބި މީހުންނަށް ހަމަލާދީ ގެއްލުންތައް ދެމުންގެންދިއުމާއި، އެކަށީގެންވާ ފަރުވާ ނުދެވުމުގެ ސަބަބުން އެ ހޮސްޕިޓަލުގައި ތިބި ދުވަސް ނުފުރާ ވިހެއި 39 ކުދިންގެ ތެރެއިން 8 ކުދިން ވަނީ ޝަހީދުވެފައެވެ.
ޔަހޫދީން މިދިޔަ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 13،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އެގޭ ތެރެގައި 5،500 އަށްވުރެ ގިނަ ކުޑަކުދިންނާއި، 3،500 އަށްވުރެ ގިނަ އަންހެނުން ހިމެނެއެވެ.