ޔުނައިޓެޑް ވިކްޓަރީ ކޮޅަށް މާޒިޔާ އިން 11 ލަނޑުޖަހައިފި

އެމްޑަބްލިއުއެސްސީ ދިވެހި ޕްރެމިއާ ލީގުގައި މިރޭ ޗެންޕިއަން މާޒިޔާ އާއި ޔުނައިޓެޑް ވިކްޓަރީ ވާދަކުރި މެޗުގައި ޔޫވީ ކޮޅަށް މާޒިޔާ އިން 11 ލަނޑުޖަހައިފި އެވެ.

ތިން މަހެއްހާ ދުވަހު ލީގުގެ މެދުކެނޑިފަ އޮތުމަށްފަހު މިމަހު 16 ވަނަ ދުވަހު އަލުން ފެށި މެޗުގައި އީގަލްސް އަތުން 8-1 ގެ ނަތީޖާއަކުން ޔުނައިޓެޑް ވިކްޓަރީ ބަލިވިއިރު، މިރޭގެ މެޗުގެ ފުރަތަަމަ ހާފުގައި މާޒިޔާ އިން ވަނީ 6 ލަނޑުގެ ލީޑެއް ނަގާފައެވެ.

އެގޮތުން މިހާފުގައި އެޓީމުގެ ސާބިއާ ފޯވާޑް ވޮޖިސްލާވް ބަލަބަނޮވިޗް ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދި އިރު، އެޓީމުގެ ޖަޕާނު މިޑްފީލްޑަރު ޓޮމޯކީ ވާޑާ، ހަސަން ރާއިފް، އަދި ނާއިޒް ހަސަން މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 6-0 ގެ ނަތީޖާއަކުން މާޒިޔާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި މާޒިޔާ އިން އިތުރު ފަސް ލަނޑު ކާމިޔާބުކުރިއިރު، އޭގެތެރެއިން ހަތަރު ލަނޑު ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް ހަމްޒާ މުހައްމަދު އެވެ. އަދި އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް އައިސަމް އެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 11-0 ގެ ތަފާތުބޮޑު ނަތީޖާއަކުން މާޒިޔާ ކުރީގައި އޮވެގެންނެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 9 މެޗުން މާޒިޔާއަށް 25 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ދެވަނައިގައެވެ. އެއްވަނާގައި މިވަގުތު އޮތީ އެޓީމަށްވުރެ އިތުރަށް ދެ މެޗު ކުޅެގެން 29 ޕޮއިންޓް ހޯދާފައިވާ ކުލަބު އީގަލްސް އެވެ. އަދި މިމެޗުން ބަލިވި ޔުނައިޓްޑް ވިކްޓްރީ ލީގުގައި ކުޅުނު 12 މެޗުން ލިބުނު 6 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ތާވަލުގެ 6 ވަނައިގައެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް