
ISRAEL MILITARY
ޣައްޒާގެ އުތުރުގައި ހިނގަމުންދާ ހަނގުރާމައިގައި ޖުމްލަ 63 ސިފައިން މަރުވެފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ހާމަކޮށްފިއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން މިއަދު ބުނެފައިވާގޮތުގައި ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިންގެ ހަމަލާތަކުގައި މިއަދު އިތުރު ދެ ސިފައިން މަރުވެފައިވާ ކަމަށާއި، އެއާއެކު ޣައްޒާއަށް އެއްގަމު މަގުން އަރައި ހިންގަމުންދާ އޮޕަރޭޝަން ފެށިފަހުން މަރުވި ސިފައިންގެ އަދަދު 63 އަށް އަރާފައިވާ ކަމަށެވެ.
އަދި ހަމާސްގެ ހަމަލާތަކުގައި މިއަދު މަރުވީ އުމުރުން 23 އަހަރުގެ އަދިރް ޕޯޗުގަލް އާއި، އުމުރުން 21 އަހަރުގެ ގަލް މިޝެލޯފް ކަމަށްވެސް އިސްރާއީލުގެ އަސްކަރިއްޔާއިން ހާމަކޮށްފައިވެއެވެ.
މިދިޔަ މަހުގެ ހަތްވަނަ ދުވަހު ހަމާސް ޖަމާއަތުން ޔަހޫދީ އިސްރާއީލަށް ދިން ވަރުގަދަ ހަމަލާތަކަށްފަހު ހިނގަމުންދާ ކުރިމަތިލުންތަކުގައި މިހާތަނަށް 370 އަށްވުރެ ގިނަ ޔަހޫދީ ސިފައިން ވަނީ ހަމާސް ހަނގުރާމަވެރިންގެ ހަމަލާތަކުގައި މަރުވެފައެވެ.