ޓީސީ އަތުން އީގަލްސްއަށް އުނދަގޫ މޮޅެއް

އެމްޑަބްލިއުއެސްސީ ދިވެހި ޕްރެމިއާ ލީގުގައި މިއަދު ހަވީރު ޓީސީ އާއި ދެކޮޅަށް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ކުލަބް އީގަލްސް އިން ލީޑު ތާވަލުގެ އެއްވަނައިގައި 7 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ކުލަބް އީގަލްސް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިބްރާހިމް މަހުދީ ހުސެއިން އެވެ.

މީގެއިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފު ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ކުލަބް އީގަލްސް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ޓީސީ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 54 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޒަޔާން ނަސީރު އެވެ. 

އީގަލްސް މިމެޗުން މޮޅުވި ލަނޑު ފަހުހާފުގެ 67 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން އަހުމަދު ރިޒުވާން އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ކުލަބު އީގަލްސް ކުރީގައި އޮވެގެންނެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 11 މެޗުން އީގަލްސް އަށް 29 ޕޮއިންޓް ލިބިފައިވާއިރު، ދެވަނަގައި އޮތް މާޒިޔާއަށް 8 މެޗުން ލިބިފައިވަނީ 22 ޕޮއިންޓެވެ. އަދި މިމެޗުން ބަލިވި ޓީސީ އިން ލީގުގައި ކުޅުނު 10 މެޗުން ލިބުނު 16 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ހަތަރުވަނައިގައެވެ.

 

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް