23 އަހަރަށް ފަހު ތުރުކީން ޖަރުމަނު ބަލިކޮށްފި

ބައިނަލްއަޤުވާމީ އެކުވެރިކަމުގެ މެޗެއްގައި ހޮނިހިރު ދުވަހުގެ ރޭ ރަށުން ބޭރުގައި ޖަރުމަނައި ދެކޮޅަށް ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން ތުރުކީ އިން ކާމިޔާބުކޮށްފި އެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ޖަރުމަނުން ނެވެ. މިލަނޑު މެޗު ފެށިގެން ފަސްވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އާސެނަލްގެ ފޯވާޑް ކައި ހާވަޓްޒް އެވެ. މިއީ އެޓީމުގެ ލެރޯއީ ސާނޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ތުރުކީ އިން މެޗުގެ ނަތީޖާ އެއްވަރުކުރީ ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފެނަބާޗޭގެ މިޑްފީލްޑަރު ފާޑީ ކަޑިއޮލޫ އެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ފުރަތަމަ ފަހަރަށް މިމެޗުގައި ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެނާން ޔިލްޑިޒް އެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ތުރުކީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ވަރުގަދަކޮށް ފެށީ ޖަރުމަނުން ނެވެ. އެގޮތުން މިހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނިކްލަސް ފުލްކްރަގް އެވެ.

މިމެޗުން ތުރުކީ މޮޅުވި ލަނޑު ދެވަނަ ހާފުގެ 71 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ ފޯވާޑް ޔޫސުފް ސާރީ އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-2 ގެ ނަތީޖާއަކުން ތުރުކީ ކުރީގައި އޮވެގެންނެވެ.

މިއީ 2005 ވަނަ އަހަރުގެ ފަހުން، ޖަރުމަނު އަތުން ތުރުކީ އަށް ހޯދުނު ފުރަތަމަ މޮޅެވެ. މީގެ އިތުރުން މިއީ ޖަރުމަނުގެ ކޯޗު ކަމާ ދާދި ފަހުން ހަވާލުވި ހޫލިއަން ނާގަލްސްމަންގެ އިރުޝާދުގެ ދަށުން އެޓީމު ބަލިވި ފުރަތަމަ މެޗެވެ.

ބައިނަލްއަޤުވާމީ އެކުވެރިކަމުގެ މެޗެއްގައި މިމަހުގެ 22 ވަނަ ދުވަހު ޖަރުމަން އޮސްޓްރިއާ ދެކޮޅަށް ނުކުންނަ އިރު، ހަމަ އެދުވަހު ޔޫރޯ ކޮލިފައިންގައި ތުރުކީ ރަށުން ބޭރުގައި ވޭލްސް އާއި ދެކޮޅަށް ނުކުންނާނެއެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް