
ރައުހަތް ސްޕޯޓްސް އިން ސޮސައިޓީ ފޯރ ވާދޫ ޔޫތްއާއި އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި
IMG_2160
ހުވަދު އަތޮޅުގެ އެންމެ ކާމިޔާބު އެއް އެތްލެޓިކްސް ކްލަބް ، ރައުހަތް ސްޕޯޓްސްއާއި ގދ ވާދޫގެ ސޮސައިޓީ ފޯރ ވާދޫ ޔޫތް އާއި އެކު މެމޮރަންޑަމް އޮފް އަންޑަސްޓޭޑިންގ އެއްގައި ސޮއި ކޮށްފިއެވެ.

އިއްޔެ ވާދޫގައި ބޭއްވި މި ރަސްމިއްޔާތުގައި ސޮއި ކުރެވުނު އެމްއޯޔޫއަކީ ވާދޫގައި ސްޕޯޓްސް ޑިސިޕްލިން ޖެނެރޭޝަނެއް ނުވަތަ ކުޅިވަރުގެ އަހްލާގު އެތްލީޓުންގެ ކިބައިގައި އަށަގެންނުވުމުގެ މަގްސަދުގައި ޕްރޮގްރާމްތަކެއް ދެޖަމިއްޔާ ގުޅިގެން ކުރިޔަށް ގެންދިޔުމަށްޓަކައި ވެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން ރަށުގައި ހުރި އިޖްތިމާއީ މައްސަލަ ތަކަށާއި ކުޅިވަރުގައި ރަނގަޅު ކުރަން ހުރި ކަންކަމަށް އެހީތެރިކަން ދިނުމަށް ވަނީ ނިންމާފައިއެވެ.
ސޮއި ކުރުމުގެ ރަސްމިއްޔާތަށް ފަހު ރައުހަތް ސްޕޯޓްސްއިން ވަނީ މި ޕްރޮގްރާމްގެ ސެޝަންތަކެއް އެރަށުގައި ކުރިޔަށް ގެންގޮސްފައި އެވެ. އެގޮތުން މި ސެޝަންތަށް ކުރިޔަށް ގެންގޮސްފައިވަނީ ކާއްޑޭ ސްޕޯޓްސްގެ ރައީސް ޚާތިމް، ކާއްޑޭ ސްޕޯޓްސްގެ ނައިބު ރައީސް މުބީން އަދި ކާއްޑޭ ސްޕޯޓްސްގެ ސްޕޯޓްސް ޑިރެކްޓާރ އާދަމް ލަރީފް ( ރޮނާ ) އެވެ. މީގެ އިތުރުން އެތްލެޓިކްސް އެސޯސިއޭޝަންގެ ތިނަދޫ ރީޖަނަލް ކޯޗް ރައުހަތް ގުދުރަތުﷲ ވަނީ އެތްލެޓިކްސް ކޯޗިންގ ޑިވެލޮޕްމެންޓް ސެޝަން އެއް ކުރިޔަށް ގެންގޮސްފައި އެވެ.
ގދ ވާދޫގެ ސޮސައިޓީ ފޯރ ވާދޫ ޔޫތް އަކީ 2019 ވަނަ އަހަރު ވުޖޫދަށް އައި ޖަމިއްޔާއެެވެ. މި ޖަމިއްޔާއިން ދަނީ ވާދޫގެ ޒުވާނުނަށް އަމާޒުކޮށް އެކި ކަހަލަ އިޖްތިމާއީ ހަރަކާތްތަށް ކުރިޔަށް ގެންދަމުންނެވެ.
ރައުހަތް ސްޕޯޓްސް ކްލަބަކީ ރާއްޖޭގެ އެތްލެޓިކްސްގައި ނަން މަޝްހޫރު އަދި ކާމިޔާބު ކްލަބެކެވެ. އަދި ރައުހަތު ސްޕޯޓްސް އިން އަންނަނީ ހުވަދު އަތޮޅުގައި ފުޅާ ދާއިރާއެއްގައި އެތްލެޓިކްސް ދާއިރާއިން ދަރިވަރުން ތަމްރީން ކުރަމުންނެވެ.