ޝިފާ ހޮސްޕިޓަލް ހުސްކުރަން އަންގާފައި ނުވާނެ ކަމަށް އިސްރާއީލުން ބުނެފި

އަލްޝިފާ ހޮސްޕިޓަލުން ބަލިމީހުންނާއި ޑޮކްޓަރުން އަދި ސިއްހީ ހިދުމަތްތެރިން ހުސްކުރުމަށް އެންގި ކަމަށް ބުނާ ވާހަކަ އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

ޝިފާ ހޮސްޕިޓަލުގެ ޑޮކްޓަރުންނާ ހަވާލާދީ މީޑިއާތަކުން ވަނީ، މިއަދު ހެނދުނު ޔަހޫދީ އަސްކަރިއްޔާއިން އެ ހޮސްޕިޓަލް އެއްގަޑިއިރު ތެރޭ ހުސްކުރުމަށް އަންގާފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ. އަދި ބަޑިން ބިރުދައްކައިގެން ހޮސްޕިޓަލުން މީހުން ހުސްކުރުމަށް ޔަހޫދީ އަސްކަރިއްޔާއިން މަސައްކަތް ކޮށްފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އެވާހަކަތައް ދޮގުކޮށް ޔަހޫދީ އަސްކަރިއްޔާއިން ވަނީ، ހޮސްޕިޓަލުގައި ތިބި ބަލިމީހުންނާއި ޑޮކްޓަރުން އެތަނުން ނެރެން އަންގާފައިނުވާ ކަމަށް ބުނެފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ، އެތަނުގައި ހިޔާވަހިކަން ހޯދަމުންދިޔަ މީހުންނާއި އެތަނުން ދާން ބޭނުންވާ މީހުންނަށް ރައްކާތެރި މަގަކުން ނުކުތުމުގެ ފުރުސަތު ދިނުމަށް ޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރުގެ އެދުމަކަށް އިޖާބަ ދިންކަމަށެވެ.

އަދި މެޑިކަލް އިވެކުއޭޝަން ކޯޑިނޭޓް ކުރުމަށް އެދޭ ކޮންމެ ފަހަރަކު އެކަމަށް މަގުފަހިކޮށްދީ ބަލި މީހުން އެހެން ހޮސްޕިޓަލްތަކަށް ބަދަލުކުރުމަށް މަސައްކަތް ކުރާނެ ކަމަށްވެސް އިސްރާއީލުގެ އަސްކަަރިއްޔާއިން ބުނެފައިވެއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން އެފަދަ ވާހަކަތަކެއް ދައްކާފައިވާއިރު، ޝިފާ ހޮސްޕިޓަލަށް ވަދެ ހިންގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން އެ ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ އެތައް ބަޔަކު ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ދުވަސްނުފުރާ ވިހެއި ތުއްތު ކުދިންވެސް ހިމެނެއެވެ.

 

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް