
ކޮންމެ އަހަރަކު 900 މިލިއަން ޓަނުގެ ކާނާ އިސްރާފުކޮށް، އުކާލާ - އ.ދ
food-waste_r (1)
ދުނިޔޭގައި ކޮންމެ އަހަރަކު 900 މިލިއަން ޓަނުގެ ކާނާ އިސްރާފުކޮށް، އުކާލާ ކަމަށް ރެޕް އާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރޮމެންޓް ޕްރޮގްރާމް (ޔޫއެންއީޕީ) އިން ގުޅިގެން އެކުލަވާލާފައިވާ ރިޕޯޓަކުން ދައްކައިފި އެވެ.

މި ދިރާސާއިން ދައްކާގޮތުގައި ދުނިޔޭގެ ގައުމުތަކަށް ލިބެން ހުންނަ 17 ޕަސެންޓު ކާނާ ކޮންމެ އަހަރަކު ފިހާރަތަކާއި ގެތަކާއި ރެސްޓޯރެންޓުތަކުން އުކާލަ އެވެ. އޭގެ ތެރެއިން 61 ޕަސެންޓު ކާނާ އުކާލަނީ ގެތަކުން ކަމަށްވެސް ދިރާސާ ރިޕޯޓުގައި ވެއެވެ.
މީގެ ކުރިން ދެކެވިފައިވާ ގޮތުން ނަމަ ކާނާ އިސްރާފު ކުރުމަކީ މުއްސަނދި ގައުމުތަކުގެ މައްސަލައެކެވެ. އެހެންނަމަވެސް ފަގީރު ގައުމުތަކުގައި ވެސް ކާނާ އިސްރާފުވާ މިންވަރު އިތުރު ކަމަށް ދިރާސާއިން ދެއްކި އެވެ. ނަމަވެސް މުއްސަނދި ގައުމުތަކާއި ފަގީރު ގައުމުތަކުގައި ކާނާ އިސްރާފުވާ ސަބަބުތައް ފުރިހަމައަށް ދިރާސާ ކުރެވިފައި ނުވެ އެވެ.
ޔޫއެންއީޕީގެ މާހިރުން ބުނާ ގޮތުގައި ކާނާގެ ތެރޭގައި ހިމެނޭ ކެވޭ ބައިތަކާއި ނުކެވޭ ބައިތައް، މިސާލަކަށް މަހުގެ ކަށި، ފަދަަ ބާވާތްތަކާ ބެހޭ މައުލޫމާތު ވަކިން ލިބެން ހުރީ ހަމައެކަނި މުއްސަނދި ގައުމުތަކުންނެވެ. އަދި ފަގީރު ގައުމުތަކުގައި ކާނާ ރައްކާ ކުރުމަށް 'ކޯލްޑް ޗެއިން' ދެމެހެއްޓުމުގައި މައްސަލަތައް ދިމާވެދާނެ އެވެ. އެހެންކަމުން ފަގީރު ގައުމުތަކުން ގިނައިން އުކާލަނީ ކެއުމަށް ބޭނުން ނުކުރެވޭ ފަދަ ކާނާކަމަށްވެސް މި ދިރާސާގައި އަމަލީ ގޮތުން އުޅުނު މާހިރުން ބުނެއެވެ.
ދުނިޔެއަށް ބޭރުވާ ގްރީންހައުސް ގޭހުގެ ތެރެއިން 8-10 ޕަސެންޓު ގޭސް ގުޅިފައި ވަނީ އިސްރާފުވާ ކާނާ ކަމަށްވެސް މި ދިރާސާއިން ދައްކައެެވެ.
ޔޫއެންއީޕީން ދަނީ 2030 އަންނަންވާ އިރަށް ދުނިޔެއިން އިސްރާފު ކުރާ ކާނާގެ މިންވަރު ދެބައިކުޅަ އެއްބަޔަށް މަދު ކުރަން ގައުމުތަކަށް ހިތްވަރު ދެމުންނެވެ. އަދި އެ ޖަމިއްޔާގެ އެގްޒެކެޓިވް ޑިރެކްޓަރު އިންގާ އެންޑާސަން ވިދާޅުވި ގޮތުގައި ކާނާ އިސްރާފު ކުރާ މިންވަރު މަދު ކުރުމަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތުގަ އާއި ތިމާވެއްޓާކައި ދިރުންތައް ރައްކާތެރި ކުރަން މުހިއްމު ފިޔަވަޅެކެވެ.
އިސްރާފުވާ ކާނާ ފާޓިލައިޒާ އުފެއްދުން ފަދަ ކަންކަމަށް ބޭނުން ކުރުމަށް ހިތްވަރުދޭ ޕްރޮގްރާމްތައް ކުރިއަށްގެންދިޔުމަށް ވިސްނާފައިވާ ކަމަށް މާހިރުން ބުނެއެވެ.