ނޯތު މެސެޑޯނިއާ އަތުން އިޓަލީއަށް ފަސޭހަ މޮޅެއް

ޔުއެފާ ޔޫރޯ ކޮލިފައިންގ ގުރޫޕް ސީގައި ރޭ އަމިއްލަ ދަނޑުގައި 5-2 ގެ ނަތީޖާއަކުން ނޯތު މަސަޑޯނިއާ ބަލިކޮށް، އަންނަ އަހަރު ޖަރުމަނުގައި އޮންނަ ޔޫރޯ ފުޓުބޯޅަ މުބާރާތަށް ކޮލިފައިވުމުގެ އުންމީދު އިޓަލީން ދަމަހައްޓައިފި އެވެ.

ރޭގެ މެޗުގެ ފުރަތަަމަ ހާފުގައި އިޓަލީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު މި ހާފުގައި އެޓީމުން ވަނީ ތިން ލަނޑުގެ ލީޑެއް ނަގާފައެވެ.

މިމެޗުގައި އިޓަލީ އިން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 17 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިންޓަ މިލާންގެ ޑިފެންޑަރު މަތެއޯ ޑާމިއަން އެވެ. މިއީ އެޓީމުގެ ޖިއާކޮމޯ ރަސްޕަޑޯރީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ލީޑު ފުޅާކުރުމަށް ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި އިޓަލީއަށް ވަނީ ޕެނަލްޓީއެއް ވެސް ލިބިފައެވެ. ނަމަވެސް ޖޯޖީނިއޯ ކުރިއަށް ފޮނުވާލި ޕެނަލްޓީ މެސެޑޯނިއާގެ ކީއްޕަރު ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މިމެޗުގައި އިޓަލީ އިން ކާމިޔާބުކުރި ދެވަނަ ލަނޑު ފުރަތަމަ ހާފުގެ 41 ވަނަ މިނެޓުގައި ޖެހީ ފެޑެރިކޯ ޗިއެސާ އެވެ. މިއީ އެޓީމުގެ ނިކޮލޯ ބަރެއްލާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޑޮމެނިކޯ ބެރާޑީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އިޓަލީގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ވެސް ޗިއެސާ އެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން އިޓަލީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ނޯތު މެސެޑޯނިއާ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެ ވަނަ ހާފު ފެށިގެން ހަ ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ.

މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ޖާނީ އަޓަނަސޯ އެވެ. އަދި މިމެޗުގައި އެޓީމުން ކާމިޔާބުކުރި ދެވަނަ ލަނޑު ފަހުހާފުގެ 74 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ދެވަނަ ހާފުގައި މޮޅު ކުޅުމެއް ދެއްކި ޖާނީ އަޓަނަސޯ އެވެ.

މިމެޗުގައި އިޓަލީ އިން ކާމިޔާބުކުރި ހަތަރު ވަނަ ލަނޑު ދެވަނަ ހާފުގެ 81 ވަނަ މިނެޓުގައި ނަޕޯލީގެ ފޯވާޑް ރަސްޕަޑޯރީ ކަމިޔާބު ކުރިއިރު، އެޓީމުގެ ފަސްވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް ސްޓެފަން އެލް ޝަރާވީ އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 5-2 ގެ ނަތީޖާއަކުން އިޓަލީ ކުރީގައި އޮވެގެންނެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ކޮލިފައިންގައި ކުޅުނު 7 މެޗުން އިޓަލީއަށް 13 ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ގްރޫޕް ސީގެ ދެވަނަގައެވެ. މި ގުރޫޕްގެ ތިންވަނައިގައި އޮތް ޔުކްރެއިން އަށް ވެސް 7 މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު، މިމެޗުން ބަލިވި  ނޯތު މެސެޑޯނިއާ އަށް 7 މެޗުން ލިބުނު 7 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ މިގުރޫޕްގެ 4 ވަނައިގައެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް