އަމިއްލަ ދަނޑުގައި މޯލްޓާ އަތުން އިންގްލޭންޑަށް އުނދަގޫ މޮޅެއް

ޔުއެފާ ޔޫރޯ ކޮލިފައިން ގްރޫޕް ސީގައި ރޭ އަމިއްލަ ދަނޑުގައި މޯލްޓާއާ ދެކޮޅަށް ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން އިންގްލެންޑް މޮޅުވެއްޖެ އެވެ.

ރޭގެ މެޗަށް ނުކުތްއިރު ވެސް އަންނަ އަހަރު ޖަރުމަނުގައި އޮންނަ މުބާރަތުން އިންގްލެންޑުން ވަނީ ޖާގައެއް ކަށަވަރު ކޮށްފަ އެވެ. އަދި މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން އިންގްލެންޑުން މެޗު ޑޮމިނޭޓުކުރި ނަމަވެސް މިހާފުގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑުޖަހާނެ މާރަގަޅު ހުސް ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ.

މިމެޗުގައި އިންގްލެންޑުން ލީގު ހޯދި ލަނޑަކީ ފުރަތަމަ ހާފުގެ 8 ވަނަ މިނެޓުގައި މޯލްޓާގެ ޑިފެންޑަރު އެންރިކޯ ޕެޕޭ އަތުން ބައި ކޮޅަށް ވަތް ލަނޑެކެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އިންގްލެންޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި އިންގްލެންޑުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ރަގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މިމެޗުގައި އެޓީމުން ކާމިޔާބުކުރި ދެވަނަ ލަނޑު ފަހުހާފުގެ 75 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ހެރީ ކޭން އެވެ. މިއީ އެޓީމުގެ އާސެނަލް ފޯވާޑް ބަކަޔޯ ސަކާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިއީ މިފަހަރުގެ ޔޫރޯ ކޮލިފައިންގައި އޭނާ ކާމިޔާބުކުރި 8 ވަނަ ލަނޑެވެ. އަދި ޖެހިގެން އައި މިނެޓުގައި އެޓީމުގެ މިޑްފިލްޑަރު ޑެކްލަން ރައިސް އިތުރު ލަނޑެއް ކާމިޔާބު ކުރި ނަމަވެސް، ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އިންގްލެންޑް ކުރީގައި އޮވެގެންނެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ކޮލިފައިންގައި ކުޅުނު 7 މެޗުން އިންގްލޭންޑަށް 19 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ގްރޫޕް ސީގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި މޯލްޓާ ކުޅުނު 8 މެޗުން ވެސް ބަލިވެފައިވާ އިރު އެޓީމު މިވަގުތު އޮތީ ފަސް ޓީމު ހިމެނޭ މިގުރޫޕްގެ ފުލުގައެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް